މުދިމުގެ ދިފާޢުގައި ޔުމްނާ: ބަސް ކުރިއެރުވޭނީ ބަހުރުވަތައް ވެސް ކުރިއަރުވައިގެން

އައްޑޫ ސިޓީ މީދޫގައި ހުންނަ މަސްޖިދުއް މަޖްދުއްދީނުގައި މިދިޔަ ހުކުރު ދުވަހު ހުކުރު ކުރި މުދިމަކު އައްޑޫ ބަހުރުވައިން ޚުޠުބާ ކީ މައްސަލައެއްގައި އޭނާ ސަސްޕެންޑްކޮށްފައި ވަނިކޮށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މުދިމުގެ ދިފާޢުގައި ވާހަކަދައްކަވައިފިއެވެ.
ސަސްޕެންޑްކޮށްފައިވަނީ މުޙައްމަދު ރަޝީދު ކިޔާ މުދިމެކެވެ. އެއީ ޚުޠުބާއަށް އުނިއިތުރު ގެނައިކަމުގެ ތުހުމަތުގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ, އޭނާ ސަަސްޕެންޑްކުރީ އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ގޮތާއި ޚިލާފަަށް ޚުޠުބާ ކީ މައްސަލައެއްގައި ކަމަށާއި, އެ މައްސަލަ ބަލާ ނިމެންދެން އޭނާއަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވަތައް ވެސް ހިމެނޭ ކަމަށެވެ. އަދި ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެން ކަމަށާއި, ބަހުރުވަތަކުން މުޢާމަލާތުކުރާނެ ފުރުސަތުތައް ތަނަވަސް ވެގެންވާކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ބަހުރުވައަކީ އެ ބަހަކުން ވާހަކަ ދައްކާ ރަށެއްގެ ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ގުޅިލާމެހިފައި އޮންނަ އެއްޗެއް ކަމަށެވެ. އަދި އެއީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ މުހިންމު މާނަވީ ސަގާފީ ތަރިކައެއްކަން ވެސް ޔުމްނާ ފާހަގަކުރެއްވިއެވެ.







ކޮމެންޓް