ބަދަލެއްގެ ގޮތުގައި މުޞްޢަބަށް 01 މިލިއަން ރުފިޔާ ދޭން ކުރި ޙުކުމް އިސްތިއުނާފުކުރަނީ
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުޞްޢަބު ޢަބްދުﷲ މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި, އޭނާއަށް 01 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްގެ ބަދަލެއް ދޭން ހައިކޯޓުން ކުރި ޙުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއްގައި ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު, މުޞްޢަބު މަޤާމުން ވަކިކުރީ ސެޕްޓެމްބަރު 2019 ގައެވެ. އެ ނިންމުން ބާތިލު ކުރުމަށާއި, ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި, ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދަން މުސްޢަބު ދަޢުވާކުރިއެވެ.
އެ ގޮތުން 2020 ގައި ސިިވިލް ކޯޓުން ޙުކުމްކުރީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި ޙުކުމުގައި ބުނެފައިވަނީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުވާތީ, ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުސާރަ ކުރިއަށް އޮތް 14 ދުވަސްތެރޭ ދިނުމަށް ޙުކުމުގައި އަންގާ ކަމަށެވެ.
ޙުކުމުގައިވަނީ މުޞްޢަބު މަޤާމުން ވަކިކުރުމަށްފަހު އެ މަޤާމަށް އެހެން މީހަކު އައްޔަންކޮށްފައިވާތީ ހޯދައިދެވެން އޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށާއި, ބަދަލުގެ ގޮތުގައި ކަނޑައެޅީ 1,187,666.60 ރުފިޔާ ކަމަށެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙު މިއަދު ވިދާޅުވ ހައިކޯޓުން ނިންމި ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހޯދަންޖެހޭ ރިޕޯޓުތައް ހޯދައި, ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ.
އެ ގޮތުން އެ ކަންކަން ނިމުނުހައި އަވަހަކަށް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.