ޚަބަރު އިޖުތިމާޢީ

ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގެ ''ހަކަތަ'' މި ސަރުކާރުގައި އެބަހުރި: އަފްޝަން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ވިޔަވަތި ކޮންފަރެންސްގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ވާހަކަދައްކަވަނީ. ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި. ފޮޓޯ: ދެން

ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގެ ވިސްނުމާއި, ހަކަތަ މި ސަރުކާރުގައި އެބަހުރިކަން ވަރަށް ސާފުކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ލ.ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ ''ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގެ ވިސްނުމާއި, އިންޓެންޝަން އަދި ހަކަތަ ވެސް މި ސަރުކާރުގައި އެބައޮތްކަން ވަރަށް ސާފު'' ކަމަށެވެ.

އަފްޝަން ވިދާޅުވީ މި ނިޒާމު ފުރިހަމަވަނީ ހަމައެކަނި ރަނގަޅު ފެންވަރުގެ އިދާރާ ނުވަތަ މިލިއަނުން އިތުރުވާ ބަޖެޓަކުން ނުވަތަ މުވައްޒަފުންގެ ޢަދަދަކުން ނޫން ކަމަށާއި, އެލްޖީއޭއިން މަސައްކަތް ކުރާ މުހިންމު އެއްކަމަކީ އިތުބާރު އުފެއްދުން ކަމަށެވެ.

''ކައުންސިލުތަކާ ސަރުކާރާ އަދި ރައްޔިތުންނާއި ކައުންސިލުތަކާ މުޅި ލާމަރުކަޒީ ނިޒާމާމެދު އޮތް އިތުބާރު ވަރުގަދަކުރުމަކީ އެންމެ އިސްކަމެއްދީގެން ކުރަންޖެހޭ ކަންކަންކަމަށް އަޅުގަނޑުމެން ދެކެން. ލާމަރުކަޒީ ނިޒާމަށް އޮންނަ އިތުބާރު އިތުރުކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭ އެންމެ މުހިންމު އެއްކަމަކީ ކައުންސިލަރުންނާއި ޑަބްލިޔުޑީސީތަކުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުތައް ހިންގުން.''

އެ ގޮތުން ކޮންމެ މަހަކު މަދުވެގެން 20 ބޭފުޅުން އިންޑިއާއަށް ފޮނުވުމުގެ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރާއެކު މިދިޔަ ޖުލައިމަހުގައި ސޮއިކުރެވިފައިވާކަން އަފްޝަން ފާހަގަކުރެއްވިއެވެ.

''މާލޭން ފުރުމުގެ ކުރިން އިންޑިއާ ހައިކޮމިޝަނަރާ އަޅުގަނޑުމެން ބައްދަލުކުރިން. އަދި އަޅުގަނޑުމެން ދެ ފަރާތުގެ ވެސް އުންމީދަކީ ނޮވެމްބަރުމަހުގެ ކުރިން އެންމެ ފުރަތަމަ ބެޗު ޓްރެއިނިންގ އަށް ފޮނުވުން. ހަމައެއާއެކު އިރާދަކުރެއްވިއްޔާ މި މަސްތެރޭގަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް އިފްތިތާހުކުރެވި ރާއްޖޭގެ އަދި ބޭރުގެ އެކި އިންސްޓިޓިއުޓްތަކާ ޕާޓްނާޝިޕް ހެދި ތަމްރީން ޕްރޮގްރާމުތައް ހިންގަން ފެށޭނެ. އަދި ލާމަރުކަޒީ ނިޒާމާބެހޭ އެކި ރިސާޗު ހެދިގެންދާނެ.'' އަފްޝަން ވިދާޅުވިއެވެ.

މި ރޮނގުން ދެއްކެވި ވާހަކައިގައި އަފްޝަން އިތުރަށް ވިދާޅުވީ އެލްޖީއޭއާމެދު ކައުންސިލުން ދެކޭ ގޮތް ބަދަލުވުމަކީ މުހިންމުކަމެއް ކަމަށެވެ. އަފްޝަން ވިދާޅުވީ އެލްޖީއޭއަކީ ކައުންސިލުތަކުގެ އެހީތެރިއެއް އަދި އެކުވެރިއެއް ކަމަށާއި, އަމާޒަކީ ކައުންސިލުތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!