ޚަބަރު ރައްޔިތުންގެ މަޖިލިސް

ހަނިމާދޫ އެއާޕޯޓް މަޝްރޫޢު: ސަޢީދު ވިދާޅުވީ އެ އުފައްދަނީ ޖީއެމްއާރް އަނެއް ހިޔަނި ކަމަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ ނަމުގައި ސަރުކާރު އުޅެނީ އެތަން އިންޑިއާއަށް ދޭންވެގެންކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖެހިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެއީ 136.6 މިލިއަން ޑޮލަރަށެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި, އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ވެސް ހަދާނެއެވެ.

''138 މިލިއަން ޑޮލަރަށް ހަނިމާދޫ ތަރައްޤީކުރަނީއޭ އެ ބުނަނީ. 138 މިލިއަން ޑޮލަރަށް އަޅާ ރަންވޭއެކޭ ރަންވޭގެ ދިގުމިން އެބައިން ފޯމިއުލާ ވަން ޓްރެކް މޮނާކޯ ގެ ދިގުމިން. މިއުޅެނީ ކީއްކުރަންތޯ. މި އުޅެނީ ފޯމިއުލާ ވަން ދުއްވަންތޯ.'' ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މާލެ އަތޮޅުގައި 50 އަހަރުތެރޭގައި ތަރައްޤީވެފައި ހުރީ ފަތުރުވެރިކަމުގެ 8000 އެނދު ކަމަށާއި, ނަމަވެސް ކުރިއަށް އޮތް ދޮޅުއަހަރުތެރޭގައި ބޮޑު ތިލަދުންމަތީގައި 8000 އެނދު ގާއިމުކުރާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެބަ ވިދާޅުވާ ކަމަށެވެ.

''އައްޑޫގަ މިހާރު 8000 އެނދު ގާއިމުކޮށްފި. ގާއިމުކުރި ގޮތަކީ ޝަންގްރިއްލާ ނުހުޅުވަނީ. ގާއިމުކުރި ގޮތަކީ ހެރަތެރެ ވެސް ނުހުޅުވަނީ. ގާއިމުކުރި ގޮތަކީ ބައެއް ގާތް މީހުންނަށް ޓޫރިޒަމް ޒޯނާ އެތާ އައްޑޫގަ ހުރި ބިންތައް ވެސް ބަހައިލީ. މީ ގާއިމުކުރި ގޮތަކީ. ގާއިމުކުރި ގޮތަކީ ހިތަދޫގެ ހުރިހާ މަގެއް ކޮނެލީ. ދެން އެ ވާހަކަ ގަދަޔަށް ދައްކަން ފެށީމަ ބައެއް މަގުތަކުގަ ތާރު ބައެއް މަގުތަކުގަ އަތުޖެހުނު ގަލެއް އަޅަނީ. އައްޑޫގެ އެއާޕޯޓަށް އެ އެއާޕޯޓު ހެދީއްސުރެ 138 މިލިއަން ޑޮލަރު ސަރުކާރުން ހޭދަކޮށްފިތޯ. ހަނިމާދޫގަ ވެގެން މިއުޅޭ ގޮތަކީ އިންޑިއާއަށް އެތަން ދޭންވެގެން އެ އުޅެނީ. ޖީއެމްއާރް އަނެއް ހިޔަނި މި އުފައްދަނީ.'' ސަޢީދު ވިދާޅުވިއެވެ.

ތިލަދުންމަތީގައި ފަތުރުވެރިކަމުގެ 8000 އެނދު ގާއިމުކުރައްވާނެކަމަށް ރައީސް ވިދާޅުވީ އުތީމުގެ އައު އިންޖީނުގެއާއި ފެނަކައިގެ އޮފީސް ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓް ނިމޭއިރުގައި ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަން ފައްކާވެ ފުޅާވުމަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ހަތަރު ފަސް އަހަރުގެ ތެރޭގައި އެންމެ މަދުވެގެން އެ ސަރަހައްދުގައި 8000 އެނދު ޑިވެލޮޕް ކުރުމުގެ ޕްލޭނެއް ރާވައިގެން ކުރިއަށް ގެންދިޔުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!