ޚަބަރު

އިންޑިއާ ސަރުކާރާ ގުޅިގެން އަޅާ، އަވަސް ފަރުވާދޭ ޔުނިޓްތަކުގެ ފައިދާ ރައްޔިތުންނާއި ފަތުރުވެރިންނަށް ކުރާނެ: ނަސީމު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގެ ބައެއް ރަށްތަކުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އަވަސް ފަރުވާދޭ ޔުނިޓްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ބޭރުގެ ފަތުރުވެރިންނަށް ވެސް ފައިދާ ވެގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ނަސީމް މިހެން ވިދާޅުވީ، ބ.އަތޮޅު ދަރަވަންދޫގެ ޞިއްހީ މަރުކަޒުގައި ޤާއިމް ކުރި އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ އަތޮޅު ތެރޭގެ ސިއްޙީ ނިޒާމް ކުރިއަރައި ދާންވާނީ ހަމައެކަނި ސިޔާސީ ގޮތުން ކުރިމަތިވާ ކުރިމަތިވުންތަކާ އެކުގައި ނޫންކަމަށާއި، ސިއްޙީ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ މުހިންމު ޚިދުމަތެއްކަމަށެވެ.

އެގޮތުން މިސަރުކާރުން މިޚިދުމަތް ކުރިއެރުވުމުގައި ކުދި އާބާދީއެއް ބޮޑު އާބާދީއެއް ނުބައްލަވާނެކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ސިއްޙީ ޚިދުމަތަކީ އަބަދުވެސް ފުޅާކުރަން ޖެހޭ ޚިދުމަތެއްކަމަށާއި، ވަގުތީ ގޮތުން ދޭ ޚިދުމަތަކަށް ސިއްޙީ ޚިދުމަތް ވެގެންނުވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އެންމެ މުހިންމު އިސްކަމެއް ދެއްވާ އެއްދާއިރާ އަކީ ސިއްޙީ ދާއިރާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން ޤާއިމް ކުރި އަވަސް ފަރުވާ ދޭ ޔުނިޓްގެ ސަބަބުން އެތައް ފައިދާތަކެއް އަތޮޅުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށްވެސް ކުރާނެކަމަށެވެ.

ދެ ފަންގި ފިލާއަކަށް ހަދާފައިވާ އަވަސް ފަރުވާދޭ މިޔުނިޓުގައި އަވަސް ފަރުވާދިނުމަށް ޚާއްސަ ވޯޑަކާއެކު އިމަރޖެންސީ ހާލަތުގައި ފަރުވާދިނުމަށް 10 އެނދު ހުރެއެވެ. އަދި ބަލިމީހުން ބަލާނެ ކޮޓަރިއަކާއި، ނާސިން ސްޓޭޝަނެއްވެސް ހުރެއެވެ. މީގެ އިތުރުން މީޓިން ބޭއްވުމަށް 2 މީޓިން ރޫމްވެސްވަނީ ޤާއިމްކޮށްފައެވެ.

ކަރަންޓް ބޭނުންކުރުމަށް މިއިމާރާތުގެ ފުރާޅުގައިވަނީ ސޯލާ ސިސްޓަމް ހަރުކޮށްފައެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުން ބުނީ، މިސޯލާ ޕެނަލުން 20ކިލޯ ވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށެވެ.

ދަރަވަންދޫގައި އަވަސް ފަރުވާ ދޭ ޔުނިޓެއް ހެދުމުގެ މައިގަނޑު އެއްބޭނުމަކީ އިމަރޖެންސީކޮށް ގެންނަ ބަލިމީހާ އިތުރު ފަރވާއަށް މާލެ ގެންދެވެންދެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!