ފާނަބަސަންދު ވެކްސިން މާބަނޑު މީހުން ޖެހުމަށް ބުނެވުނީ އޮޅުމަކުން
މިދިޔަ އޮގަސްޓުމަހު 24 ގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި މާބަނޑު މީހުން ފާނަބަސަންދު ވެކްސިން ޖެހުމަށް އަހަންމިއްޔަތުކަން ދިނުން މުހިންމުކަމަށް ބުނެފައިވަނީ އޮޅުމަކުންކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން މިފަދައިން ބުނެފައިވަނީ، 4 ސެޕްޓެމްބަރު 2022 ގައި އަމިއްލަ ފަރާތަކުން މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ވެކްސިންތަކުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ގިނަގުނަ ސުވާލުތަކެއް ކުރާ، އަދި ހަށިގަނޑުގެ މިނިވަންކަމަށް އިޙްތިރާމު ކުރުމަށާއި ވެކްސިން ޖެހުން މަޖުބޫރުކުރުމާ ދެކޮޅަށް ވަކާލާތުކުރާ ފަރާތެއް ކަމަށްވާ، ޝިފާން އަޙްމަދު މިނިސްޓްރީ އޮފް ހެލްތުގައި ސުވާލުކޮށްފައިވަނީ, މާބަނޑު މީހުންނަށް ފާނަބަސަންދު ވެކްސިން ޖެހޭނެކަމަށް އަދި މައިމީހާއަށާއި ބަނޑުގައި އޮތް ދަރިފުޅަށް ރައްކާތެރި އެއްޗެއް ކަމަށް ކަނޑައެޅުމަށް ބަލާފައިވާ ފަންނީ ދިރާސާ އަދި އެހެނިހެން ލިޔެކިއުންތަކުގެ ކޮޕީ ދިނުމަށެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ "ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދިން ގޮތުގައި އެ ޓްވީޓަކީ، އޮޅުމަކުން ކުރެވިފައިވާ ޓްވީޓެކެވެ. އަދި އެ ޓްވީޓް ވަނީ ޑިލީޓްކުރެވިފައެވެ."
ފާނަބަސަންދު ވެކްސިނަކީ މާބަނޑުމީހުންނަށް ނުޖެހޭނެ ވެކްސިނެއްކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ރައްދުދީ ޝިފާން އަޙްމަދު އަދި ބައެއް އެހެން އާންމު ރައްޔިތުން މިކަމާ ގުޅޭގޮތުން ސުވާލުކޮށް ޓްވީޓް ކުރުމުން، އެ އެޖެންސީގެ ޓްވީޓް ޑިލީޓްކޮށްފައިވެއެވެ.
https://twitter.com/shifanahmed20/status/1562460309188530179?s=20&t=ogOMaQnCQSgOolu_dP2Klg
https://twitter.com/farishussain/status/1566245628480569344?s=20&t=aUNFhg27ncmD2h9MubLxMQ
https://www.ca.gsk.com/media/6263/varilrix.pdf
(ވެކްސިން އުފައްދާފައިވާ ކުންފުނީގެ ބަޔާން މަތީގައި.)
ހެލްތު ޕްރޮޓެކްޝަން އެޖެންސީއަކީ އާންމު ސިއްހަތު ރައްކާތެރިކުރުމާބެހޭ މުއައްސަސާ ކަމަށްވުމުން، ވެކްސިން ޖެހުމަށް މިފަދަ ލަފަޔެއް "އޮޅުމަކުން" ނަމަވެސް ދިނުމަކީ ބަލައިގަންނަން ދަތި ކަމެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓްވީޓް ފެނި އެއަށް ޢަމަލުކުރުމުން މައިމީހާ އަދި ބަނޑުގައިވާ ދަރިފުޅަށް ވެސް ނުހަނު ބޮޑު އަނިޔާއެއް ލިބުން ނުވަތަ ފުރާނަ ގެއްލުން ފަދަ ހިތާމަވެރި ހާލަތެއް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ވީމާ، މިފަދަ ލަފައެއް އޮޅުމަކުން ދެވިފައިވާ ނަމަ، އެކަން ސާފުކޮށްދީ ފާނަބަސަންދު ވެކްސިން މާބަނޑު މީހުން ނުޖެހުމަށް ސަމާލުވުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރުމަކީ މުހިންމުކަމެވެ. އަދި "އޮޅުމަކުން" ދެވިފައިވާ މި ލަފާގެ މައްޗަށް ބަރޯސާވެ މާބަނޑު އަންހެނަކު މި ވެކްސިން ޖަހާފައިވެދާނެ ކަމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކަމަށްޓަކައި ޢާއްމުންގެ ކިބައިން މަޢާފަށް އެދެން ޖެހެއެވެ. އަދި އެއްވެސް މާބަނޑު އަންހެނަކު ދިވެހިރާއްޖޭގައި މި ވެކްސިން ޖަހާފައިވާނަމަ (ނުވަތަ އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްނުދިނުމުގެ ސަބަބުން، ވެކްސިން ޖެހުމަށްފަހު މަޑުކުރަންޖެހޭ މުއްދަތުގެ ކުރިން ބަލިވެ އިނދެފައިވާނަމަ) އެ އިދާރާއަށް އެންގުމަށާއި، އެ އިދާރާއިން އެފަދަ އަންހެނަކަށް ބޭނުންވާނެ ޞިއްޙީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެރުވުމަކީ، "އޮޅުމަކުން" ކުރެވޭ މިފަދަ ކަންތައްތަކުގައި ހެދިފައިވާ ގޯސްތައް އިސްލާހުކުރަން އޮންނަ މަގުކަން ފާހަގަ ކުރަންޖެހެއެވެ. އެހެންނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިއިން އެއްވެސް ކަމެއް ކުރުމުގެ ބަދަލުގައި ޓްވީޓް ޑިލީޓްކުރުމަށްފަހު ނިންމައިލާފައެވެ.
މި ހާދިސާ މިހެން ކުރިމަތިވުމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގައި ވެކްސިން ޕޮލިސީ ކަނޑައަޅަން ތިބޭ ފަރާތްތަކަކީ ވެކްސިނޭޝަންްއާ ގުޅުންހުރި އަސާސީ މަޢުލޫމާތުތައް އެކަށީގެންވާ ވަަރަކަށް ލިބިފައިވާ ފަރާތްތަކެއްތޯ ސުވާލުކުރަން ޖެހެއެވެ. އެހެނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުއައްސަސާއިން ޢާއްމުންނާ ހަމައަށް މަޢުލޫމާތެއް ފޯރުކޮށްދޭއިރު އެ މަޢުލޫމާތުގެ ސައްހަކަން އެކި ލެވެލްއިން ކަށަވަރުކުރަންޖެހޭތީއެވެ. މިއީ، އެ މުއައްސަސާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފެއްގެ މަސްއޫލިއްޔަތަށްވުރެ މަތީ ލެވެލްއަކުން ނިންމާ ނިންމުންތަކަކަށްވާތީއެވެ.
ހަމައެހެންމެ، އެޗްޕީއޭއަށް "އޮޅުމަކުން" ޓްވީޓްކުރެވުމުން، އެއީ ސައްހަނޫން މަޢުލޫމާތެއްކަން، އާންމު ރައްޔިތުން ފާހަގަކުރަންދެން، އަދި ޑޮކްޓަރަކު ޓެގްކޮށްފައި ސުވާލުކުރަންދެން އެޗްޕީއޭގެ ޓްވީޓު ފެންނަން އޮތުމަކީ ވެސް ހައިރާންވާންޖެހޭ ކަމެކެވެ. ގިނަ ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންވެސް ފޮލޯކުރާ އެޗް.ޕީ.އޭގެ ޓްވީޓްއެއްގައި ޢާއްމު ރައްޔިތަކު، ޑޮކްޓަރަކު ޓެގްކޮށްފައި ސުވާލުކުރުމުގެ ކުރިންނާއި މާބަނޑު އަންހެނުންނާ އެމީހުންގެ ބަނޑުގައިވާ ދަރިފުޅު ނުރައްކަލަށް ހުށަހެޅިގެން ދިއުމުގެ ކުރިން އެޗްޕީއޭ އަށް ސައްހަ މަޢުލޫމާތު ފޯރުކޮށްދީ ޓްވީޓް ޑިލީޓްކުރަން ނަސޭހަތްތެރިވާނެ ޑޮކްޓަރަކު ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.
އަދި މިފަދަ ކަންކަން މުސްތަގުބަލުގައި ހިނގިޔަ ނުދިނުމަށް ކަމާ ބެހޭ މުއައްސަސާތަކުންނާއި އަދި އެ މުއައްސަސާތަކުން އެތަންތަނުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ޖަވާބުދާރީ ކުރުވަންޖެހޭ މިނިވަން ކޮމިޝަންތަކާއި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީތަކުން މިފަދަ ކަންތައްތައް ބަލައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަކީ ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ އެފަރާތްތަކުގެ ޤާނޫނީ ޒިންމާއެވެ.