ޚަބަރު އިޖުތިމާޢީ

އުސޫލު އިސްލާހު ކުރުމަށްފަހު އެމްއެމްސީގެ މެންބަރުކަމަށް އަލުން ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

Ads by STELCO

އެމްއެމްސީގައި މިހާރު ތިބި މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރުގެ 14 އަށް ހަމަވާތީ އެ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވައިލީ މިދިޔަ އޮގަސްޓު 22 ގައެވެ. ނަމަވެސް އިންތިޚާބު ބޭއްވުމަށް އިތުރު ތައްޔާރީތަކެއް ވާންޖެހޭ ކަމަށް ބުނެ, ހޯމް މިނިސްޓްރީން އޮގަސްޓު 25 ގައި އެ އިއުލާނު ބާތިލު ކުރިއެވެ.

އެމްއެމްސީއަށް މެންބަރުން އިންތިޚާބުކުރަނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުން ވޯޓު ދީގެންނެވެ. ގަވާއިދުން ނުނެރޭ ނޫސްތަކަށް ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓުލުމުގެ ފުރުސަތު ދެއެވެ. އަދި އެކްޓިވް ނޫން ނޫސް މަޖައްލާތަކުގެ ޕްރޮކްސީ ހޯދައިގެން ވަކި ބަޔަކު ބޭނުންވާ ގޮތަށް ކޮންޓްރޯލް ނެގުމުގެ ފުރުސަތު އޮންނައިރު, ބައެއް މީޑިއާތަކުން މީގެ ކުރިން ވަނީ އެކަމާމެދު ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ކުރިން ކުރި އިއުލާނު ބާތިލު ކުރުމަށްފަހު މިނިސްޓްރީން ވަނީ އުސޫލު ބަދަލުކޮށް އިއްޔެ ގެޒެޓްކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން ގަވާއިދުން ނުނެރޭ ނޫސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް (ޕީއެސްއެމްގެ ދަށުން ހިންގާ މީޑިއާތައް ފިޔަވައި) އިންތިޚާބުގައި ވޯޓެއް ނުލެވޭނެއެވެ.

އެމްއެމްސީ އެކުލެވިގެންވަނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި, ޢާންމު ހަ މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. މެންބަރުންގެ މުއްދަތަކީ މީލާދީ ގޮތުން ދެ އަހަރެވެ. އެއްވެސް ފަަރާތަކަށް ވިދިވިދިގެން ދެ ދައުރެއް އަދައެއް ނުކުރެވޭނެއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މެންބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވަނަ ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!