ސަމާލުވޭ! ކޮންމެ ރަށަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް: މެޓް

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އުދަ އެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މިއަދު 17:30 އާ ހަމައަށް މުޅި ރާއްޖެއަށް ހުުދު ސަމާލު ނެރެފައިވާކަން އަންގައި މެޓު އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ކަނޑުތައް ގަދަވެ, އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ރޭ ދަންވަރު އދ.ދިގުރަށަށް ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފައެވެ. އެ ގޮތުން އެ ރަށުގެ ގެތަކަށް ލޮނުވަދެ ގެއްލުންވެފައި ވެއެވެ.