ޚަބަރު

ހީވީ ސުނާމީއެއް އަރައިގެން އައިހެން, ރާޅުގެ އުސްމިނުގައި 15 ވަރަކަށް ފޫޓު

ރައުފާ ރަޝީދު ، ދެން އޮންލައިން
ދިގުރަށަށް އުދަ އަރާ ގެއްލުންވެފައި-- ފޮޓޯ: ކައުންސިލް

އދ. ދިގުރަށަށް ރޭ އެރި އުދައިގައި ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

Ads by STELCO

“ދެން”އަށް މަޢުލޫމާތު ދެއްވަމުން ދިގުރަށް ކައުންސިލުން ބުނީ އުދައިގެ ސަބަބުން ލިބުނު ގެއްލުން ސުނާމީ އެރިއިރު ލިބުނު ގެއްލުމާ ގާތް ކުރާ ކަމަށެވެ. އެގޮތުން ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ގެތަކަަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެ ރަށަށް އުދަ އަރަމް ފެށީ ރޭ ގާތްގަޑަކަށް 1 ޖަހަން އުޅެނިކޮށެވެ. ރާޅު އަރައިގެން އައި ވަގުތަކީ ބިރުވެރި ވަގުތުކޮޅެއް ކަމަށާއި ގެތަކަށް ލޮނު ވަންނަން ފެށުމުން މީހުން އެއް ގެއިން އަނެއް ގެޔަށް ރައްކާތެރިކަން ހޯދަން ދާން ފެށި ކަމަށް އޭނާ ބުންޏެވެ.

“ވަރަަށް ބިރުވެރި ވަގުތުކޮޅެއް އެއީ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އުޅުނީ. ރާޅު އަރަން ފެށިމަ އެންމެ އެކަކު އަނެކަކަށް ގުޅާ އެކި ގެތަކަށް ދާން ފެށީ. ސުނާމީ އެރީމަ އޮންނަހެން ރަށް އޮތީ. އުދަ އަރާ ގޮތަކަށް ނޫން އެރީކީ. ބޮޑެތި ރާޅު ނަގަން ފެށީ” އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ރޭ ދަންވަރު އުދަ އަރަން ފެށުމުން ފުރަތަމަ ހީކުރީ ސުނާމީ އެއް އަރައިގެން އައި ކަމަށެވެ. އެއީ އެ ރާޅު ތަކަކީ އުދައަރާއިރު އަރާ ރާޅުތަކަށް ވުރެ ވަރުގަދަ ރާޅުތަކަކަށް ވުމުން ކަމަށް އޭނާ ބުންޏެވެ. އަދި ގާތްގަޑަކަށް 15 ވަރަކަށް ފޫޓު ރާޅުގެ އުސްމިނުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

“އަޅުގަނޑަށް މަޢުލޫމާތު ލިބިފަ ވަނީ ގާތްގަޑަކަށް 15 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ރާޅުގަ. އެވަގުތު ބަނދަރު މަތީގަ ހުރި މީހަކު ބުނި. އޭނާވެސް ހީކުރީ ހަމަ ސުނާމީ އެރީ ކަމަށް. އެހާވެސް ވަރުގަދައަށް ރާޅު އަރައިގެން އައީ” ދެންއަށް މަޢުލޫމާތު ދިން ފަރާތުން ކިޔައިދިނެވެ.

ރޭ މެންދަމު 01:15 ގައި ދިގުރަށަށް އުދަ އަރަން ފެށިގޮތަށް އުދަ އެރުން ހުއްޓުނީ، ގާތްގަޑަކަށް ފަތިހު 04:00 ހާއިރުއެވެ. އެ ރަށު ކައުންސިލުން މިހާރު ދަނީ ލިބުނު ގެއްލުންތަކުގެ ތަފުސީލު ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by Ooredoo
  1. ަަށވޔަނި

    ﷲގެކުޅަދުންވަންތަކަން އެހެންހުރިހާ ކަަަމަކަށްވުރެން ބޮޑެވެ.