ދުނިޔެ

ޗައިނާގައި ކޮވިޑް-19 ފިޔަވަޅުތަކަށް ލުއި ދޭން އުޅޭ ކަމުގެ ޚަބަރާއެކު ތެލުގެ އަގު މައްޗަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އަންނަ މީހުންގެ ކަރަންޓީނުގެ މުއްދަތު ކުޑަކުރަން ވިސްނަމުންދާ ކަމުގެ ޚަބަރާއި ގުޅިގެން ދުވަހު ތެލުގެ އަގުން އެއް ޑޮލަރު އުފުލިއްޖެއެވެ.

Ads by Sosun Fihaara

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 93.74 ޑޮލަރަށް އަރާފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑް ފީފާއެއްގެ އަގު 1.43 ޑޮލަރު ނުވަތަ 1.7 ޕަސެންޓް އިތުރުވެ، ފީފާއެއްގެ އަގު ވަނީ 86.98 ޑޮލަރަށް އަރާފަ އެވެ.

ޕީވީއެމް އޮއިލްގެ ސްޓެފަން ބްރެނޮކް ވިދާޅުވީ ތެލުގެ އަގު އުފުލެން މެދުވެރި އެއް ސަބަބަކީ، ޗައިނާއިން ޒިޔާރަތްކުރާ މީހުންނަށް ކޮވިޑް ކަރަންޓީނުގެ ފިޔަވަޅުތައް ކަނޑާލަން ވިސްނަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދިއުން ކަމަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޗައިނާއިން މިއަހަރު ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރިއާއި އިގްތިސާދީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ދަށްވެ ތެލަށް އޮތް ޑިމާންޑް ވަނީ ދަށްވެފައެވެ.

ބްލޫމްބާގް ނިއުސް އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބެއިޖިންއިން ވިސްނަމުން ދަނީ އެގައުމަށް ޒިޔާރަތްކުރާ މީހުންގެ ކަރަންޓީނުގެ މުއްދަތު 10 ދުވަހުން ހަތް ދުވަހަށް ކުޑަކުރުމަށެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިއާގެ ތެލާއި ތެލުގެ ބާވަތްތައް މަނާކުރުމާއި، އޯޕެކް އިން ބާޒާރަށް ނެރޭ ތެލުގެ އަދަދު މަދު ކުރަން ނިންމުމަކީ ވެސް ތެލުގެ އަގު އުފުލުނު ސަބަބެކެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު އޯޕެކް ޕްލަސް އިން ވަނީ ދުވާލަކު ދެ މިލިއަން ފީފާގެ އުފެއްދުން މަދުކުރަން އެއްބަސްވެފައެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިހާބާ ދިމާކޮށް ޕެޓްރޯލްގެ އަގު ތައް ދަށަށް ގެންދިއުމަށް މަސައްކަތްތަށް، އެ ގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތުން ތެލުގެ ރިޒާވްއިން ދޫކުރާ ބާކީ ހުރި ބައި، ނުވަތަ 15 މިލިއަން ފީފާގެ ތެޔޮ ވިއްކާލައި، އެ ތަކެތީގެ ސްޓޮކް އަލުން ފުއްދަން ފެއްޓެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!