ދީން

ތިބާގެ ކުރިމައްޗަށް އަންނަށް ލަދުވެތި ވިޔަ ނުދޭށެވެ. ލިބޭ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭށެވެ.

ދެން އެމްވީ ، ދެން އޮންލައިން

ﷲ ތަޢާލާ އިންސާނުން އުފައްދަވާ އެކި މީހުންނަށް ޢިލްމާއި ޙިލްމު ދެއްވީ އެކި މިންވަރަށެވެ. އެކި މީހުން ލެއްވީ އެކި ނަސްލުތަކަށެވެ. އެކި ފަންތި ތަކުގައެވެ. ކަޅާއި ދޮނެވެ. ފަޤީރުކަމާއި މުއްސަނދިކަމެވެ. މި ސަބަބަށްޓަކައި އެކަކު އަނެކަކުގެ ކިބައިން އެހީއަށް އެދެން ޖެހުމީ ދުނިޔޭގެ ސުންނަތެވެ.

އެކެއް އަނެކެއްގެ ކިބައިން އެހީތެރިކަން ހޯދަން ޖެހުމީ ހައިރާންވާ ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ހައިރާންވެ ، ލަދުވެތިވާން ޖެހޭ ކަމަކީ ﷲ ތަޢާލާ ފުދުންތެރިކަމާއި ތަނަވަސްކަން ދެއްވި ބައެއް މީހުންގެ ޢަމަލުތައް ހުންނަ ގޮތެވެ. އެ ތަނަވަސްކަމަކީ އިމްތިހާނު ކުރެވޭނެ ކަމެއްކަމާއި މެދު ޣާފިލްވެ ހުރެ ، ޝައިތާނާގެ ވަސްވާހަށް ބޮޑާވެރިވެ ގަނެވެނީއެވެ. ތިމާގެ އެހީއަކަށް މީހަކު އެދެން ނުކެރޭވަރަށް ތިމާގެ ހައިބަތު ބޮޑުވެ އެކަން ޢަމަލާއި ބަހުން ދައްކަނީ އެވެ. ހިތާމަ ހުއްޓެވެ.

މި މައުޟޫއުގައި ޝައުޤުވެރި، ޢިބްރަތްތެރި ވާހަކައެއް މީހަކު ކިޔައިދީފައިވެއެވެ.

"އަހަރެމެން އުޅެމުން ދިޔައީ ފުދުންތެރި ދިރިއުޅުމެއްގައި ނަމަވެސް އަހަރެންގެ މަންމަ އަވަށްޓެރިއެއްގެ ކިބައިން ލޮނުކޮޅެއް ހޯދުމަށް އެދުނެވެ. ގޭގައި ލޮނު ހުރެމެ ލޮނު ކޮޅެއް ހޯދަން އެދުމުން އެވާހަކަ އަހަރެންގެ ލޯބިވާ މަންމަގެ ގާތުގައި އެހީމެވެ.

އަހަރެންގެ ސުވާލަށް ލޯބިވާ މަންމަ ދިން ޖަވާބު ކިތަންމެހައި ވެސް ފުރިހަމައެވެ.

މަންމަ އެހެން ކަންތައް ކުރީ އެމީހުންގެ ނިކަމެތިކަމުގައި އަހަރެމެންގެ ކިބައިން މުހުތާދު ތަކަށް އެދޭތީއެވެ. އެސަބަބަށްޓަކައި އެމީހުންނަށް ގެއްލުމެއް ނުވާ މިންވަރުގެ އެހީއެއް އެމީހުންގެ ކިބައިން މަންމަ ބޭނުންވީއެވެ. އެމީހުންގެ ނިކަމެތިކަން އެމީހުންނަށް ހަނދުމަ ވެދާނެކަމަށް މަންމަގެ ހިތް ނުތަނަވަސް ވީތީއެވެ. މަންމަގެ އެ ޢަމަލުގެ ސަބަބުން އެމީހުންގެ އެހީތެރިކަމަކަށް ވެސް ބޭނުން ޖެހިދާނެ ކަމުގެ އިހްސާސް ކުރުވަން މަންމަ ބޭނުންވީއެވެ. އެމީހުން އަހަރެމެންގެ ކިބައިން ތަކުރާރުކޮށް ކަންކަމުގައި އެހީއަށް އެދެން ފަސްޖެހުމަށް މަންމަ ބޭނުން ނުވީއެވެ.

އެންމެ ހިތްހެވީ މަންމަ ނޫންތޯއެވެ."

ތެދެކެވެ. އެންމެ ހިތް ހެވީ މަންމައެވެ. އެންމެ ވިސްނުން ތޫނު މީހަކީ ވެސް މަންމައެވެ. އެމަންމަގެ ފުދުންތެރިކަމުގައި ކުރެވޭ ޞަދަޤާތަށް ހުއްޓުމެއް އަންނާކަށް މަންމަ ބޭނުމެއް ނުވިއެވެ. އަދި އެންމެ ހިތްގައިމު ކަމަކަށް ، ނިކަމެތި އަވަށްޓެރިޔާއަށް ވެސް ޞަދަޤާތެއް ކޮށްލުމުގެ މަގު އެ މަންމަ ތަނަވަސްކޮށްދީފިއެވެ. ކިހާބޮޑު ހެވެއްތޯއެވެ. އަޅުގަނޑުމެން ފުދުންތެރިކަމުގެ އަހުލުވެރިން ، ތަނަވަސްކަމުގެ އަހުލުވެރިން ފިލާވަޅު ލިބިގަންނަންވީ މިފަދަ ހާދިޘާތަކުންނެވެ. ތިބާގެ ކުރިމައްޗަށް އައުމަށް ލަދުވެތިވިޔަ ނުދޭށެވެ. އެހީތެރިކަން ފޯރުކޮށްދޭށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!