ޑޭ ކެއަރ ޚިދުމަތްދޭނެ ތަނެއް މާލެއަކުން ނުލިބުނު: މިނިސްޓަރު ޢާއިޝާ
ޑޭ ކެއަރ ގެ ޚިދުމަތް ނުފެށިގެން އުޅެނީ މާލޭގެ ޖާގައިގެ ދަތިކަމާހުރެ ކަމަށް ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ސްޓްރެޓީޖީ އެކްޝަން ޕްލޭންގައި ހިމަނާފައިވާ ޑޭ ކެއަރ ސެންޓަރުތައް ގާއިމުކުރުމަށް ކޮށްފައިވާ މަސައްކަތާ ގުޅޭ ގޮތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
މާލޭގައި ޑޭ ކެއަރ ސެންޓަރެއް ގާއިމުކުރުމަށް މި އަހަރުގެ ބަޖެޓުގައި 1.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ
ޑޭ ކެއަރގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލެއިން ބޭނުންވާ ޖާގަ ހޯދަން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް ކަމާގުޅޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް މާލޭގެ ޖާގައިގެ ދަތިކަމާހުރެ އެ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއް ގާއިމުކުރުމަށް ޖާގައެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޑޭ ކެއަރގެ މިނިމަމް ސްޓޭންޑެއް ތައްޔާރުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ ތަނެއް ގާއިމުކުރުމާ ގުޅޭ ގޮތުން ކުންފުނިތަކާއެކު ވަކިވަކިން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ހުރިހާ މީހުން އޮފީހަށް ދާއިރު ދަރިންގެންގޮސް ޖެންޑާރ މިނިސްޓުރީއާއި ހަވާލު ކުރާގޮތަށް ހަދަންވީ ނުންތޯ !