އާއިލާއާ ހަށިގަނޑު ހަވާލު ނުކޮށް ބޭއްވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުން: އާޒިމާ
އާއިލާއިން ނުރުހޭނަމަ މަރުވެފައިވާ މީހެއްގެ ޕޯސްޓްމޯޓަމް ހެދޭނެ ހަމައެކަނި ގޮތަކީ އެކަމަށް ކޯޓު އަމުރެއް ލިބިގެން ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިފަދައިން ވިދާޅުވީމަސްތުވާތަކެތީގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ނިޔާވި، ގދ. ހޯޑެއްދޫ އަބުދުﷲ ރަޝީދުގެ މަރުގެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށް އޭނާގެ މަންމަ ބުނަމުން ދިޔަ ނަމަވެސް އަބްދުﷲ ނިޔާވިތާ ދެދުވަސްވީއިރު ވެސް އާއިލާ އަށް މޫނު ނުދައްކައި ބޭއްވުމުން އާއިލާއިން ނުރުހުންފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އާޒިމާ ވިދާޅުވީ ގާނޫނުއަސާސީގައި ވާގޮތުން އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް 24 ގަޑިއިރަށްވުރެ ގިނައިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރު ކުރުމަށްފަހު ކޯޓު އަމުރު ހޯދައިގެން ކަމަށެވެ. އެ މާއްދާއިން މަރުވެފައި އޮތް މީހެއް އިސްތިސްނާ ނުކުރާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަލާނަމަ އެއްވެސް މީހެއްގެ ހަށިގަނޑުން ސާމްޕަލް ނެގޭނީ އެމީހެއްގެ ހުއްދަ ލިބިގެން ކަމަށާއި މި ހުކުމް މަރުވެފައި އޮންނަ މައްޔިތާއަށް ހިނގާނެ ކަމަށް ވިދާޅުވިއެވެ.
“އެހެންކަމުން އެ ހުކުމަށް ބަލާއިރު މައްޔިތާގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބަލަދުވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދީގެން. އެނޫން ގޮތަކަށް ފުލުހުންގެ ތަހުގީގަކަށް ޕޯސްޓްމޯޓަމް ހަދަން ބޭނުންނަމަ ކޯޓުގެ އަމުރެއް ހޯދަންޖެހޭނެ” އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ އާއިލާ ނުވަތަ ވާރިސުން ހަށިގަނޑު ހޯދަން ބޭނުން ނަމަ އާއިލާއާ ހަށިގަނޑު ހަވާލު ނުކޮށް ބޭއްވޭނީ ވެސް ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެއް ކަމަށާއި އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއް، ރާއްޖެއިން ފުރުވާލުމުގެ ބާރެއް، އަދި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަކަށް ލިބިދީފައިނުވާ ކަމަށް ވިދާޅުވިއެވެ. “އެހެންކަމުން އާއިލާގެ ނުުރުހުމުގައި އެކަން ކުރެވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުން” އާޒިމާ ވިދާޅުވިއެވެ.