ޕާކިސްތާނުން ރަޝިއާގެ ގޮދަން އެތެރެ ކުރަނީ
ޕާކިސްތާނުގައި ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ހައްލު ކުރުމަށް، ރަޝިއާއިން 300،000 ޓަނުގެ ގޮދަން އެތެރެކުރުމަށް ގާތްގަނޑަކަށް 112 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ޕާކިސްތާނު ސަރުކާރުން ފާސްކޮށްފިއެވެ.
އިކޮނޮމިކް ކޯޕަރޭޝަން ކޮމިޓީން ހޯމަ ދުވަހު ތާއީދުކުރި މި އެއްބަސްވުމަކީ ޕާކިސްތާނުގެ ނާޒުކު އިޤްތިޞާދަށް މުހިންމު ނިންމުމެއް ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ. ޕާކިސްތާނުގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މިއަހަރު ޖޫން މަހުގެ ތެރޭގައި ހިނގި ފެންބޮޑުވުމުގެ ހަދިސާގައެވެ. އެ ހާދިސާގައި 1،700 އަށް ވުރެ ގިނަ މީހުން މަރުވެ، 33 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުން ވަނީ ލިބިފައެވެ.
މި އެއްބަސްވުމުގެ ދަށުން ގޮދަން ސަޕްލައި ކުރާނީ ރަޝިއާގެ ސްޓޭޓް ކޯޕަރޭޝަނެއް ކަމަށްވާ ޕްރޮޑިންޓޯގް އިންނެވެ. ޕާކިސްތާނުން އެންމެ ފަހުން ރަޝިއާއިން ގޮދަން އެތެރެކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
ރަޝިއާއާއި ޔޫކްރެއިން އަކީ ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ ސަޕްލައިކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.
ޕާކިސްތާނުން ވަނީ 2022 ވަނަ އަހަރު 27 މިލިއަން ޓަނުގެ ގޮދަން އުފެއްދުމަށް އަމާޒު ހިފާފައެވެ. ނަމަވެސް ފެނުގެ ދަތިކަމާއި ދަނޑުބިންތައް އަލުން ތަރައްގީކުރުން ފަދަ ގިނަ ސަބަބުތަކާ ހުރެ އެ އަމާޒަށް ވާސިލެއް ނުވެވުނެވެ.
މި އަހަރުގެ ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިންދު އާއި ބަލޫޗިސްތާން ޕްރޮވިންސްގެ ދަނޑުބިންތަކުގެ ބޮޑު ސަރަހައްދެއް ވަނީ ހަލާކުވެފައެވެ.
ދަނޑުވެރިކަމާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ގޮދަން އުފައްދާ މިންވަރު އަށް މިލިއަން ޓަނު ދަށަށް ދާނެ ކަމަށެވެ.
ފާއިތުވި މަސްތަކުގައި ދުނިޔޭގެ މާލީ އިދާރާތަކުން އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ލިބުނު ނަމަވެސް ޕާކިސްތާނުގެ އިގްތިސާދީ ހާލަތު އަދިވެސް އޮތީ ނާޒުކުކޮށެވެ.
ވޯލްޑް ބޭންކުން މިދިޔަ އޮކްޓޫބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި ހުރަސްތަކާއި ދުނިޔޭގެ މާލީ ހާލަތު ހަރުކަށިވުމުގެ އިތުރުން ބޭރުގެ އުނދަގޫ ހާލަތްތަކުގެ ސަބަބުން އަންނަ އަހަރު ޕާކިސްތާނުގެ އިންފްލޭޝަން ގާތްގަނޑަކަށް 23 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޕާކިސްތާނުން ރަޝިއާއާއެކު ވިޔަފާރި ކުރާތީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ނުރައްކާ ވެސް ޕާކިސްތާނަށް އުފުލަން ޖެހޭނެއެވެ.