ދުނިޔެ

އަފްގާނިސްތާނުގައި ޕާކުތަކަށް ދިއުން އަންހެނުންނަށް މަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއްވެސް ޕާކަކަށް އަންހެނުން ޒިޔާރަތް ކުރުން ތާލިބާން ސަރުކާރުން މަނާކޮށްފިއެވެ.

Ads by Sosun Fihaara

ނުބައި ކަންކަަން މަނާ ކުރުމާއި ރަނގަޅު ކަންކަން ކުރިއަރުވާ މިނިސްޓްރީގެ ތަރުޖަމާނަކު ބީބީސީއަށް ބުނީ ކާބުލްގައި ޕާކުތައް މެނޭޖްކުރާ ފަރާތްތަކަށް އެ ނިންމުން އަންގާފައި ވާނެ ކަމަށެވެ.

ތާލިބާނުން ބުނީ އެގޮތަށް ނިންމީ ޕާކުތަކުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ނޫޅޭތީ ކަމަށެވެ.

އޯގަސްޓު 2021 ގައި ތާލިބާނުން ވެރިކަމަށް އައުމާ އެކު އަފްގާނިސްތާނުގެ އަންހެނުންގެ ހައްގުތައް ވަނީ ހިފަހައްޓައިފައެވެ.

މީގެ ކުރިން ތާލިބާނުން އަމަލު ކުރަމުން އައި ގޮތަކީ އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ދުވަސްތަކެއް ޕާކުގައި ކަނޑައެޅުމެވެ. އެގޮތުން އަންހެނުންނަށް ޕާކަށް ދެވެނީ އާދީއްތަ، ހޯމަ އަދި އަންގާރައިގައެވެ.

އެހެން ނަމަވެސް، މިހާރު ގެނައި ބަދަލާ އެކު މަހުރަމަކާ އެކު ދަތުރު ކުރި ނަމަވެސް، ހަފުތާގެ އެއްވެސް ދުވަހަކު އަންހެނުންނަކަށް ޕާކަކަށް ނުވަދެވޭނެއެވެ.

ތާލިބާން ވެރިކަމުގައި މަހުރަމަކާ ނުލައި އަންހެނުން ދުރު ތަންތަނަށް ދިޔުން ވަނީ މަނާކޮށްފަ އެވެ. އަދި ފުރާވަރު އުމުރުގެ އަންހެން ކުދިންގެ ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!