ދުނިޔެ

މަޤާމާ ހަވާލުވެ، ޝީގެ ފުރަތަމަ މަންޒިލަކަށް އިންޑޮނޭޝިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ހަފުތާގައި އިންޑޮނޭޝިއާއަށް ވަޑައިގަންނަވާނެ އެވެ. އެއީ އެ ގައުމުގައި ނޮވެމްބަރު 15 އިން 16 އަށް އޮންނަ ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

Ads by Sosun Fihaara

މިއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް -- މިދިޔަ މަހު ތާރީޚީ ތިން ވަނަ ދައުރަކަށް, ޝީ ޖިންޕިން އިންތިހާބުވެ ވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވާ ޗަނިން ވެސް ވަނީ ބަޔާނެއް މެދުވެރި ކުރައްވައި ޝީ ޖިންޕިން މި ދަތުރު ކުރައްވާނެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ބާލީގައި ބާއްވާ 17 ވަނަ ޖީ20 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ޝީ އިންޑޮނީޝިއާއަށް ދަތުރު ކުރައްވާނެ އެވެ.

ވާ ޗަނިން އަދި ވިދާޅުވީ ނޮވެމްބަރު މަހުގެ 17 އިން 19 އަށް ބެންކޮކްގައި އޮންނަ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ 29 ވަނަ އިގުތިސާދީ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާގެ ރައީސް ތައިލެންޑަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.

ޗައިނާގައި 2020ގެ ކުރީކޮޅު ކޮވިޑް ފެތުރިގަތުމާ ގުޅިގެން ޝީ ޖިންޕިން ގައުމުން ބޭރަށް ވަޑައެއް ނުގަންނަވަ އެވެ. އެހެން ނަމަވެސް ކަޒަކިސްތާންގެ ސަމަރުގަންދުގައި އޮތް ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މިއަހަރު ސެޕްޓެމްބަރުގައި ޝީ ދަތުރު ކުރެއްވި އެވެ.

ޝީ ޖިންޕިން އިންޑޮނީޝިއާއަށް ވަޑައިގެން ދުނިޔޭގެ ސިޔާސީ ލީޑަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޝީ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ލީޑަރުގެ ތެރޭގައި، ޗައިނާގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ސެނެގޯލްގެ ރައީސް މަކީ ސަލް އަދި އާޖެންޓިނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ހިމެނެ އެވެ.

ޖޯ ބައިޑަން އާއި ޝީ ޖިންޕިން ބައްދަލު ކުރައްވާނެކަން ވައިޓް ހައުސްއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ދެ ރައީސުންގެ މަޝްވަރާގައި ދޭދޭ ގުޅުންތަކުގެ އިތުރުން ބައިނަލްއަގްވާމީ މަޝްރަހަށް ވެސް އަލިއަޅުއްވާ ލައްވާނެ އެވެ.

ދެ ލީޑަރުންގެ މަޝްވަރާގައި މައިގަނޑު ގޮތެއްގައި އޮންނާނީ ޓައިވާން އާއި ރަޝިއާ، ޔުކްރޭން ހަނގުރާމަ އަދި ހަތިޔާރާއި މޫސުމީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ވާހަކަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!