ޚަބަރު ރައްޔިތުންގެ މަޖިލިސް

ހޮރައިޒަނުން މަސްވެރިންނަށް ފައިސާނުދޭތީ މަޖިލީހަށް މައްސަލައެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިޝާމް-

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން ލ.މާންދޫގައި ހިންގާ މަސް ކާރުޚާނާއަށް ކިރުވި މަހަށް ދޭންޖެހޭ ފައިސާ ހޯދަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

އިއްޔެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިޝާމެވެ.

ހޮރައިޒަން ފިޝަރީޒް ކުންފުނީގެ މަސް ކާރުޚާނާއަށް ކިރުވި މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއްވެފައިވާތީ ލ.އަތޮޅާއި ތ.އަތޮޅުގެ މަސްވެރިން މާންދޫގައި މުޒާހަރާ ކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ވިޝާމް ހުށަހެޅުއްވި މައްސަލައިގައި ވަނީ މާންދުއަށް މަސް ނުކިރޭ މައްސަލައާއި ކިރާ މަހަށް ފައިސާ ނުލިބޭ މައްސަލަ ބޮޑުވެފައިވާކަން ފާހަގަ ކުރައްވައިފައެވެ. އަދި 26 ދޯންޏަކުން މާންދޫ ފަޅުގައި މުޒާހަރާ ކުރަމުންދާ ކަމަށާއި ފައިސާ ނުދީފިނަމަ މަސްވެރިކަން ހުއްޓުމުގެ ބިރު ބޮޑުކަމަށް ވިދާޅުވެ، އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

ވިޝާމް ވިދާޅުވީ ހޮރައިޒަނުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމަކީ މަސްވެރިންގެ ޙައްޤުތަކަށް އަރައިގަނެ، އެ މީހުންނަށް ލިބެންޖެހޭ ޢާމްދަނީ ހިފެހެއްޓުން ކަމަށެވެ.

އެ ކަންކަން ފާހަގަ ކުރައްވައި ވިޝާމްގެ މައްސަލައިގައި ވަނީ ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް އެކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދައި ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

ވިޝާމް މި މައްސަލަ ހުށަހަޅުއްވާފައިވާއިރު، ވިލާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހީމް ސިޔާދު ޤާސިމް ވަނީ ރޭގެ ވަގުތެއްގައި މަސްވެރިންނާ ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމީ ހޮރައިޒަނުން މަސްވެރިންނަށް ދޭންޖެހޭ 21 މިލިޔަންގެ ތެރެއިން 8.6 މިލިޔަން މިއަދު އިރުއޮއްސުމުގެ ކުރިން ދިނުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!