ޚަބަރު

އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 135،000 ރުފިޔާ ޚަރަދު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މ.ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 135،00އަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފިއެވެ.

Ads by Sosun Fihaara

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ވިދާޅުވީ އަލިފާނުގެ ހާދިސާއަށް ފަހުގައި، 33 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެއީ 15 ބިދޭސީންނާ 18 ދިވެހީންނެވެ.

18 ދިވެހީންގެ ތެރޭގައި ހިމެނެނީ 12 އަންހެނުންނާ ހަ ފިރިހެނުންނެވެ. މީގެތެރޭގައި ހަ ކުޑަކުދިންނެވެ. އެންޑީއެމްއޭއިން ވިދާޅުވީ ވަގުތީ ހިޔާގައި ތިބި ދަރިވަރުން އަލުން ސްކޫލަށް ފޮނުވުމުގެ އިންތިޒާމް، ސްކޫލްތަކާ، އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ހަމަޖައްސަވާފައިވާ ކަމަށެވެ.

"މި ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކަށް، އިންސާނީ އެހީގެ ގޮތުގައާއި، އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި، މި ފަރާތްތަކަށް ބޭނުންވާ ހައިޖީން ކިޓް ހޯދުމަށާއި، އަދި އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި ޖުމްލަ 135،471.80 ރުފިޔާ މިހައިތަނަށް ވަނީ ޚަރަދު ކުރެވިފައި."

އެންޑީއެމްއޭއިން ވިދާޅުވީ މި ހާދިސާގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީއާ ދިވެހި ރެޑް ކްރެސެންޓާ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ދިހަ މީހުންގެ ފުރާނަ ގެއްލުނު މި އަލިފާނުގެ ހާދިސާ ހިނގި ނިރުފެހި ގެއާ، އަލިފާނުގެ އަސަރު ކުރި އިތުރު ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވައި، އެންޑީއެމްއޭއިން އިތުރަށް ވިދާޅުވެފައިވަނީ ހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލުނު ބިދޭސީންގެ ދިރިއުޅުން އަލުން އާރާސްތު ކުރުމުގެ މަސައްކަތް ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ކުރައްވަމުން އަންނަ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!