ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ

ބިހުރޯޒު މިސްކިތުގައި ހުރި މަހާނަތައް ގެއްލުނު މައްސަލައިގައި ފިޔަވަޅު އެޅޭނެ ޤާނޫނީ ހަމައެއް ނެތް: ޔުމްނާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން--

ބިހުރޯޒު މިސްކިތުގައި ހުންނަ ކަމަށް ބުނާ ދުވާފަރު ދަންޑަހެލުގެ މަހާނައާއި ކުރިން އެ ތަނުގައި ހުރި އެހެން ބައެއް މަހާނަތަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ނަމަވެސް އެ ކަންކަމާމެދު އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް މިނިސްޓަރ އޮފް އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޔުމްނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.

ވަޙީދު ސުވާލު ކުރެއްވީ ބޮޑުތަކުރުފާނާއެކު ރާއްޖޭގެ މިނިވަންކަމަށް ޖިހާދުކުރެއްވި ދުވާފަރު ދަންޑަހެލުގެ މަހާނަ މިހާރު ކޮބައިތޯއާއި, ބިހުރޯޒު މިސްކިތު ގޯތިތެރޭގައި ޒަމާނުއްސުރެ ހުރި ކިތަންމެ މަހާނައެއް މިހާރު ނެތީ ކީއްވެތޯއާއި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދައި އަޅަންޖެހޭ ފިޔަވަޅު ނޭޅި އޮތީ ކީއްވެގެންތޯއެވެ.

މިނިސްޓަރު ޔުމްނާ ދެއްވި ޖަވާބުގައޮި ވިދާޅުވީ ދަންޑެހެލުގެ މަހާނަކަމަށް ބުނެ އުޅޭ މަހާނަ 2017 ވަނަ އަހަރުގެ އޭޕްރީލްމަހާ ހަމައަށް ބިހުރޯޒު މިސްކިތުގައި ހުރިކަމަށް ތާރީޚު ފޮތްތަކުންނާއި ކުރީގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް މިހާރުގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި ހުރި މަޢުލޫމާތުތަކުން އެނގޭ ކަމަށެވެ. ނަމަވެސް އެއީ ސީދާ ދަންޑެހެލުގެ މަހާނަކަމެއް އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށާއި އަދި އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށެވެ.

ޔުމްނާ ވިދާޅުވީ 2017 އޭޕްރީލް 18 ގައި އޭރުގެ އިސްލާމިކް މިނިސްޓްރީން ބިހުރޯޒު މިސްކިތުގައި މަސައްކަތްތަކެއް ކުރުމަށް ބަންދުކޮށް ކުރި މަސައްކަތްތަކަކަށްފަހު އަލުން ހުޅުވިއިރު އެ މަހާނަ ފެންނަން ނެތްކަން ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގައި ހުރި މަޢުލޫމާތުތަކުން އެނގޭ ކަމަށެވެ.

މި މަހުގެ 7 ގައި ބިހުރޯޒު މިސްކިތުގައި ހުންނަ ޒިޔާރަތް ހުންނަ ސަރަހައްދުގެ ވެލި ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މަހާނަ ގާތަކެއް ފެނިފައިވޭ. އޭގެތެރޭގައި ހަލާކުވެފައި ހުރި ގަލާއި ރަނގަޅަށް އޮތް ގަލެއް ހިމެނޭ. މި ގަލަކީ އެ ބުނާ ދަންޑެހެލު މަހާނައިގައި ހުރި ގާ ކަމެއް ސާފެއްނުވޭ. މި ތަކެތީގެ ދިރާސާތަކެއް ކުރެވެމުން ދަނީ.

ޔުމްނާ ވިދާޅުވީ މިސްކިތް އަލުން ހުޅުވިއިރު އެ ސަރަހައްދުގައި ހުރި ދެ މަހާނައެއްގައި ހުރި ގާތަކެއް ފެންނަން ނެތް ކަމަށާއި އަދި އެ ސަރަހައްދުގައި ހުރި ބިސްތާނު ނުވަތަ ވަށައިގެން ހުރި ފާރުބުރިތައް ވެސް ފެންނަން ނެތް ކަމަށެވެ. މިސްކިތުގެ ހުޅަނގު ފަރާތު ގޯތި ތެރެއަށް ވަންނައިރު ދެކުނުން ޖެހިގެން ހުރި ފިރިހެން މަހާނައާއި އުތުރު ފަރާތުގައި ހުރި އަންހެން މަހާނައިގައި ހުރި ގާތަކާއި ވަށައިގެން ހުރި ބިސްތާނު ވެސް ނަގާފައިވާ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މި ކަންކަން ފާހަގަކުރެވިގެން އިސްލާމިކް މިނިސްޓްރީއަށް އެންގުމުން އެ ތަކެތި އަލުން ބެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް 2018 ފެބްރުއަރީ 14 ގައި މިނިސްޓްރީއަށް އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން އަންގަވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ފެންނާން ނެތް ތަކެތި އަލުން ބެހެއްޓުމުގެ މަސައްކަތް ފަސޭހަކޮށްދިނުމުގެ ގޮތުން، އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބިހުރޯޒު މިސްކިތް ހިމެނޭ ސަރަހައްދުގެ އިހުގެ ޗާޓަކާއި 2005 ހިސާބުގައި ނަގާފައިވާ ދެ ބިސްތާނުގެ ފޮޓޯއެއް 2018 ވަނަ އަހަރު ފެބްރުއަރީ 11 ގައި އީމެއިލް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ކަމަށާއި އީމެއިލް ފޮނުވި ފަހުން ވެސް މަސައްކަތް ކުރިއަށް ނުދާތީ އެ މަހުގެ 26 ގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން އީމެއިލް މެދުވެރިކޮށް އެކަމުގެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީއާ ހިއްސާކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމަ އެ ދުވަހު އެެ މެއިލަށް ޖަވާބު ދެއްވައި އެކަމުގައި އެ މިނިސްޓްރީން ވެސް ކަންބޮޑުވުން އެބަ އޮތްކަމާއި މަހާނަތަކާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިކަމަށް ޔުމްނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެއްވެސް މަސައްކަތެއް ފަށާފައިނުވާތީ އެ މިނިސްޓްރީއަށް ފަހުން ފޯނުން ގުޅި ގުޅުމުން ވެސް އެ ތަކެތި ފެނިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ އަލްމަރްޙޫމް ކޮލި ޙަސަން އަޙްމަދު މަނިކު ލިޔުއްވާފައިވާ ''މާލޭގެ މިސްކިތްތައް'' ފޮތުގައި ލިޔުއްވާފައިވާ ގޮތުން ކުރީގެ ރައީސް ސުއްމުވުލް އަމީރު އަލްމަރުޙޫމް އިބްރާހިމް ނާޞިރުގެ ދައުރުގައި މާލޭގެ ޒަމާންވީ ވަރަށް ގިނަ މިސްކިތްތަކުގެ ގަބުރުސްތާނުތައް އުވާލައްވައި އެ ބިންތަކުން ގޯތި ދޫކުރެއްވިކަމަށްވާ ކަމަށެވެ.

އަދި ގޯތި ދިނުމާ ގުޅިގެން އެ ތަންތަނުގައި ހުރި ރީތި ކުރެހުން އެޅި ޒަމާންވީ މަހާނަ ގާތަކާއި ގަލު ވަޑާމުގެ މަސައްކަތަކާއި އެފަދަ އެތައް ތަނެއް ނެތި ގޮސްފައިވާ ކަމަށާއި އެ ދުވަސްވަރު ބިހުރޯޒު މިސްކިތު ގަބުރުސްތާނު ވެސް އުވާލައްވައި ގޯތި ދޫކުރެއްވިކަމަށް އެ ފޮތުގައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދައި އަޅަންޖެހޭ ފިޔަވަޅު ނޭޅި އޮތީ ކީއްވެތޯ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ޔުމްނާ ވިދާޅުވީ ދަންޑެހެލު މަހާނަކަމަށް ބުނާ މަހާނައަކީ ދަންޑެހެލުގެ މަހާނަކަން ޔަގީންކަމާއެކު އެނގޭކަށް ނެތް ކަމަށާއި، އެ މަހާނައަކީ އެއްވެސް އިރެއްގައި ސަރުކާރުން ބަލަހައްޓަވާފައިވާ މަހާނައެއް ނޫން ކަމަށެވެ. އަދި 2019 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހުރި ސަގާފީ ތަންތަނާއި އާސާރީ ތަރިކަ ރައްކާތެރިކުރެވޭނެ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ހެދިފައެއް ނެތް ކަމަށާއި އެފަދަ ތަންތަން ރައްކާތެރި ކުރުމަށް ފުރިހަމަ ބާރު ލިބިގެންދިޔައީ 2019 ގައި މިހާރުގެ ސަރުކާރުން ގެންނެވި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤާނޫނުގެ ދަށުން ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ އެފަދަ ކަންކަމަށް ފިޔަވަޅު އެޅޭނެ ޤާނޫނީ ހަމައެއްނެތް.

ބިހުރޯޒު މިސްކިތުގެ ގޯތި ތެރޭގައި ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވި މުޙައްމަދު ތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުން ފަސްދާނު ލެވިފައިވެއެވެ. ދަންޑެހެލުގެ މަހާނަކަމަށް ބުނާ މަހާނައަކީ ހުޅަނގު ފަރާތުން ވަންނާން ހުރި ދޮރުގެ ދެކުނަށް ޖެހިގެން ކުރިން ހުރި މަހާނައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!