ޚަބަރު އިޖުތިމާޢީ

ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކު އުފަންވަނީ ދުވަސް ނުފުރާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދުވަސްނުފުރާ އުފަންވެފައިވާ ކުއްޖަކު ފެންނަ ތަސްވީރެއް-- ފޮޓޯ/ އެމެރިކަން ޕްރެގްނެންސީ އެސޯސިއޭޝަން

ދުނިޔެއަށް އުފަންވާ ކޮންމެ 10 ކުއްޖަކުން އެއްކުއްޖަކު އުފަންވަނީ ދުވަސް ނުފުރާ ކަަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "ވޯލްޑް ޕްރިމެޗުއަރިޓީ ޑޭ"އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ދުވަސްނުފުރާ އުފަންވުމާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވުމެވެ.

ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކުވެސް 15 މިލިއަން ކުދިން ދުވަސް ނުފުރާ އުފަންވާ ކަމަށެވެ. އަދި އުފަންވާ ކޮންމެ 10 ކުއްޖަކުން އެއްކުއްޖަކީވެސް ދުވަސް ނުފުރާ އުފަންވާ ކުއްޖެއް ކަމުގައެވެ.

ދުވަސް ނުފުރާ އުފަންވުމަކީ ޅަފަތުގައި ކުދިން މަރުވުމަށް ދިމާވާ މައިގަނޑު ސަބަބެވެ. އަދި މިއީ ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ކަމަށް އަސަރު ކުރުވާ، ތުއްތު ދަރިފުޅުގެ ފުރާނަައަށް ގެއްލުންވެދާނެ  ނުރައްކާތައްވެސް ކުރިމަތި ކުރުވާނެ ކަމެކެވެ.

މިގޮތުން މިފަދަ ކުދިންނަށް ދިމާވާ ނުރައްކާތަކުގެ ތެރޭގައި ސެރެބްރަލް ޕަލްސީ، ލޮލުގެ މައްސަލަތައް، އަޑުއިވުމުގެ މައްސަލަތައް، އަތްފައިގެ ހަރަކާތްތައް ބޭނުންކުރަންޖެހޭ ހުނަރުތައް ދަށްވުން، ނޭވާ ހިއްލުން އަދި އުނގެނުމުގައި މައްސަލަތައް ދިމާވުން ހިމެނެއެެވެ.

ރާއްޖޭގައިވެސް ދުވަސް ނުފުރާ އުފަންވާ ކުދިންގެ އަދަދު، ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އަންނަަކަން ފާހަގަކުރައްވައި ހެލްތު މިނިސްޓްރީން ވިދާޅުވީ އެފަދަ ކުދިން ގެންގުޅެ ބަލަހައްޓައި ހެދުމުގައި އެފަދަ ކުދިންގެ މައިންބަފައިންނާ އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ކުޑަކޮށްދީ، އެހީތެރިވުމަށްޓަކައި، ދުވަސްނުފުރާ އުފަންވުމާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވުން އިިތުރު ކުރަން ޖެހޭ ކަމަށެވެ.

ދުވަސްނުފުރާ އުފަންވާ ކުދިންގެ މައިންބަފައިންނާއި އާއިލާގެ މެމްބަރުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ހޮސްޕިޓަލުތަކާއި ޖަމުއިއްޔާތަކުންނާއި އެހެނިހެން ފަރާތްތަކުން، މި ދުވަސް ފާހަގަކުރުމަށް ހިންގާ މީޑިއާ ހަރަކާތްތަކާ އެހެނިހެން ކަންކަމުގައި ބައިވެރިވެ، މިކަމަށް އާންމުން ހޭލުންތެރި ކުރުމުގައި އެއްބާރުލުން ދިނުމަށް ހެލްތު މިނިސްޓްރީން ވަނީ ގޮވައިލައްވައިފައެވެ.

މިނިސްޓްރީން ވިދާޅުވީ ދުވަސް ނުފުރާ އުފަންވުމުގެ ސަބަބުން ފުރާނަ ދިޔުމުންނާއި، ތަފާތު ސިއްޙީ މައްސަލަތައް ކުރިމަތިވުން ކުޑަ ކުރުން ފެށިގެން އަންނަނީ މާބަނޑު ދުވަސްވަރުގެ ދުޅަހެޔޮކަމުގެ ސަބަބުން ކަމަށެވެ.

އެގޮތުން އެ ދުވަސްވަރު ލިބެން ޖެހޭ ފަރުވާ ރަނގަޅަށް ލިބުން މުހިންމުކަން ފާހަގަކުރައްވައި، ހެލްތުން ވިދާޅުވީ މާބަނޑުވާން ރާވާ ހިސާބުންނާއި، މާބަނޑު ވުމުންވެސް ޤަވައިދުން ޑޮކްޓަރަށް ދައްކައި، ސިއްޙީ ގޮތުން ފައިދާ ހުރި، މިންހެޔޮ ކެއުން ކެއުމަކީވެސް މުހިންމު ކަންކަން ކަމުގައެވެ.

ދުވަސްނުފުރާ ވިހެއުމުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "އަ ޕޭރެންޓްސް އެމްބްރޭސް- އަ ޕަވަރފުލް ތެރަޕީ" އަދި "އިނޭބްލް ސްކިން ޓު ސްކިން ކޮންޓެކްޓް ފްރޮމް ދި މޮމެންޓް އޮފް ބާތު" އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!