ޚަބަރު

ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމަ ކުރުން ލަސްވަނީ ތަހުޤީޤު ނުނިމޭތީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުންގެ ހައްޔަރުގައި ހުއްޓައި ނިޔާވެފައިވާ ގދ.ހޯނޑެއްދޫ/ސްވެން ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރުން ލަސްވަނީ، މަރުގެ މައްސަލައިގެ ތަހުޤީޤު އަދިވެސް ކުރިއަށްދާތީ ކަމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ބޮޑު އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރެއެވެ. ރަޝީދުގެ އާއިލާއިން މީގެ ކުރިން މީޑިއާތަަކަށް ބުނެފައިވަނީ، އޭނާ ހައްޔަރުކޮށްގެން ގެންދިޔުމަށް ފަހު އެ ލޯންޗު ގިނައިރުތަކެއް ވަންދެން ހޯޑެއްދޫ ޖެޓީގައި އޮތް ކަމަށެވެ.

އަދި އޭރު ލޯންޗުގައި ހުރެގެން ވެސް މެއަށް ތަދެއް އަރާ ވާހަކަ ފުލުހުން ގާތުގައި އޭނާ ބުނި ކަމަށާއި ނަމަވެސް ފަރުވާ ދިނުމަށް ފުލުހުން ދެކޮޅު ހެދި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރަޝީދުގެ ޕޯސްޓްމޯޓަމް ފައިނަލް ރިޕޯޓް ނުލިބުނު ނަމަވެސް މިހާރުވަނީ ޕޯސްޓްމޯޓަމްގެ ރިޕޯޓެއް އެންއައިސީއަށް ލިބިފައެވެ.

އެންއައިސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ އަދިވެސް ބަލަމުން އަންނާތީ، މިހާރު ލިބިފައި އޮތް ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރެވެން ނެތްކަމަށާއި، މާ ބޮޑު ތަފްސީލެއްވެސް ދެވެން ނެތް ކަމަށެވެ.

އާއިލާގެ ނުރުހުމުގައި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެ ނިންމުން ބާތިލުކޮށް، ރަޝީދުގެ ހަށިގަނޑު ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ރަޝީދުގެ އާއިލާއިން ހުށަހެޅިއެވެ.

ނަމަވެސް މި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ އަމުރު ނެރުއްވައިފައެވެ.

ރަޝީދު ނިޔާވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 42އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!