ޚަބަރު

އުއްމީދަކީ ބަރުލަމާނީ ނިޒާމު ކަމަށް ވަންޏާ، އުއްމީދެއް ނެތް: ރޮޒައިނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުންނަށް އުއްމީދަކީ ބަރުލަމާނީ ނިޒާމު ކަމުގައިވާނަމަ، އެ އުއްމީދެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި ބަޖެޓަކީ، އުއްމީދީ ބަޖެޓެއް ކަމަށް މަޖިލީހުގެ ބައެއް މެމްބުން ވަނީ ވިދާޅުވެފައެވެ.

މި ވާހަކައަށް ފާޑު ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވަނީ، އުއްމީދަކީ ބަނދަރާއި ނަރުދަމާގެ ވަޢުދުތައް ފުއްދުން އެކަނި ނޫން ކަމަށާއި، ވެރިކަމުގެ ހަތަރު އަހަރު ނިމުނުއިރު، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވުނު ކަމަށެވެ.

އީވާއަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު، އެކަންކަން ނުފެންނަނީ ވަކި މީހަކު ވެރިކަމުގައި ނެތުމުން ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅު ވެލައްވާ ގޮތަށް، ބަރުލަމާނީ ނިޒާމަކަށްވެސް "އުއްމީދެއް" ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އުއްމީދަކީ ޕްރައިމް މިނސްޓަރުކަން ލިބުން ކަމަށް ވަންޏާ، އާދެ، އުއްމީދެއް ނެތް، ޢިޢްޒަތްތެރި ރައީސް."

ޮރޮޒައިނާ އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އެކަމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއާ ދިވެހި ރައްޔިތުންނާ ޖައްސާލައިގެން އުޅެން ނުޖެހޭ ކަމަށެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!