ޚަބަރު

ހަށި ވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތަށް މާފުށި ސިފަ ކުރުމުން، ކައުންސިލުން ރަތަށް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކ.މާފުށި

ކ.މާފުއްޓަކީ ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ސިފަކުރުމުން އެ ރަށު ކައުންސިލުން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by Hajj Corporation

"މިހާރު" ނޫހުގައި މާފުއްޓާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ޝާއިޢު ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައި މާފުށީ ކައުންސިލުން ވިދާޅުވީ އެއްވެސް ކަމަކީ އެންމެން ރުހޭ ކަމަކަށް ނުވެދާނެކަމަށާއި، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުމަށް ނުރުހޭ މީހުންވެސް އުޅޭނެ ކަމަށެވެ.

އެ ރިޕޯޓުތަކުގައި، މާފުށީގައި ހަށިވިއްކާކަމަށް ބުނެފައިވާތީ އެ ވާހަކަތަކަށް ރައްދުދީ މާފުށީ ކައުންސިލުން ވަނީ، އެފަދަ އެއްވެސް ހާދިސާއެއް ހިނގައިގެން އެކަން ރެކޯޑުކުރެވިފައި ނުވާކަން ފާހަގަކުރައްވައިފައެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި، ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި މާފުށި ސިފަކުރުމަކީ ޒިންމާދާރު ކަމެއް ނޫނެވެ. އަދި އެރަށުގައި ދިރިއުޅޭ މީހުންނާއި ރަށަށް އަރާފައިބާ ދެ ޖިންސުގެ މީހުންނަކީ ހަށި ގަނެ، ވިއްކުމުގައި ހަރަކާތްތެރިވާ މީހުން ކަމުގައި ދެކޭނަމަ އެއީ އެގޮތަށް ދެކޭ ބައެއްގެ ހުރި އުނިކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ރާއްޖޭގެ އެކި ރަށްރަށުގައި ތަކުރާރުވަނީ ލޯކަލް ޓޫރިޒަމްގެ ސަބަބުން ނޫންކަމަށާއި، ޒިޔާރަތްކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ރަށަކުން ކުރިމަތިވެދާނެ އިޖުތިމާޢީ މައްސަލަތަކަށް އިޖާބަ ދިނުމުގައި ކަމާބެހޭ އިދާރާތައް މަސައްކަތް ކުރަންޖެހޭނީ އެ މާހައުލަކާ އެކަށޭނަ ޤާބިލުކަން ލިބި ތިބެގެންކަން ކައުންސިލުންވެސް ގަބޫލުކުރައްވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މާފުށީ ރައްޔިތުން، ފަތުރުވެރިކަމަކީ ރަލާއި އޫރު މަހާ ނުލައި ކުރިއަށްގެންދެވިދާނެ ވިޔަފާރިއެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިވާކަން ފާހަގަކުރައްވައި، އެ ރަށު ކައުންސިލުން ވިދާޅުވީ ފަތުރުވެރިން މާފުއްޓަށް ދަނީ އެ ރަށުގެ ރީތިކަން ބަލާލައި، ހިތްހަމަޖައްސާލުމުގެ ބޭނުމުގައި ކަމަށެވެ.

އެހެންކަމުން، ސިޔާސީ ނިޔަތުގައި ކަންކަން ނަގައިގެން ސަރުކާރަށް ފާޑުކިޔުމުގެ ރޫހުގައި ތެދުވުމުގެ އާދަ ދޫކޮށް، އީޖާބީ ހުށަހެޅުންތަކަށް ކައުންސިލުުން މަރުހަބާ ކިޔާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!