ޚަބަރު

ބައިރޫތުގައި ހާލުގައި ޖެހުނު މުސްލިމުންނަށް އެހީތެރިވުމުގެ ފުރުސަތު

ދެން އެމްވީ ، ދެން އޮންލައިން

ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަޖެންސީ ރިލީފް ކެމްޕޭނެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ފަށައިފިއެވެ.

Ads by Sosun Fihaara

އޮގަސްޓް ހަތަރުވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބައިރޫތުގެ ބަނދަރު ސަރަހައްދުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާގައި 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 6000 އާއި ގާތްކުރާ އަދަދެއްގެ ރައްޔިތުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހާދިސާއާއި ގުޅިގެން ގެދޮރު ގެއްލުނު ރައްޔިތުންގެ އަދަދު ތިންލައްކައަށް އަރައެވެ. މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް އާއިލާއާއިއެކު ދިރިއުޅެމުން ދާއިރު ، ބައެއް ފަރާތްތައް ވަނީ އެމީހުންގެ އަވަށަށް ބައްދަލުވެފައެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ ފަރާތްތަކުން އަދިވެސް އަންނަނީ މި ގޮވުމުގެ އަސަރުކޮށް ގެއްލުން ލިބިފައިވާ އެމީހުންގެ ގެދޮރުތަކުގައި ދިރިއުޅެމުންނެވެ. މީގެއިތުރުން މި ހާދިސާއާއި ގުޅިގެން ބައިރޫތުގެ ގިނަ ހޮސްޕިޓަލްތަކެއް ފުރި، އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ލިބުމަށް ހުރަސްތަކަކަށާއި ކުރިމަތިވެފައިވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ފަށާފައިވާއިވާ ރިލީފް ކެމްޕޭނުގެ ޒަރިއްޔާއިން، ބައިރޫތުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން މި ވަގުތު އެންމެ ބޮޑަށް ބޭނުންވާ ކާބޯތަކެއްޗާއި ، ފަސްޓް އެއިޑް އަދި ސާފުކުރުމަށް ބޭނުންވާ ތަކެތި މި ކެމްޕޭނުގެ ޒަރިއްޔާއިން ލިބޭ ޑޯނޭޝަން މެދުވެރިކޮށް ފޯރުޗކޮށްދެވޭނެއެވެ. މީގެއިތުރުން، މި ފަންޑު މެދުވެރިކޮށް ވަގުތީ ހިޔާ ފޯރުކޮށްދިނުމާއި ބޭސްފަރުވާ އަށް އެހީތެރިކަން ދިނުމުގެ އިތުރުން، ތުއްތު ކުދިންނަށާއި އެހެނިހެން ފަރާތްތަކަށް ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެކި ގިންތިތަކަކަށް ބަހާލައިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކުރިޔަށްގެންދާ މި ރިލީފް ޕްރޮޖެކްޓްގެ ދަށުން، ބައިރޫތުގައި ގެދުރޮ ހަލާކުވި ފަރާތްތަކުގެ ގެދޮރު އަލުން މަރާމާތް ކުރުމާއި އެ ފަރާތްތަކުގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވެއެވެ.

ބައިރޫތުގައި ހިނގި މިހާދިސާގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ ފަރާތްތަކާއި އަނިޔާ ލިބި އެހީއަށް އެދެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ދިވެހި ރައްޔިތުންނަށް އައިއޭސީގެ އެމަޖަންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް ޑޮނޭޓް ކުރެވޭނެއެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 މެދުވެރިކޮށް މަޢުލޫމާތު ލިބޭނެއެވެ. މީގެއިތުރުން އައިއޭސީގެ ފޭސްބުކް ޕޭޖު (https://www.facebook.com/IACMaldives) މެދުވެރިކޮށް މުޢާމަލާތު ކުރެވޭނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ދަނީ އެކިއެކި ސަބަބުތަކާއިހުރެ ދުނިޔޭގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ސީރިޔާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނާއި ފަލަސްތީނާއި ރޮހިންގްޔާ މުސްލިމުންނަށް ވަމުންދާ އެހީތެރިކަންވެސް ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން ވެސް ސީރިޔާގެ ރެފިޔުޖީ ކުދިންނަށް އަމާޒުކޮށް އައިއޭސީން ގާއިމްކޮށްފައިވާ މަދަރުސާއަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!