ޚަބަރު

މެސީގެ ބޫޓުގައި ލިޔެފައިވާ ޚާއްސަ އެއްޗަކަށް މީހުންގެ ސަމާލުކަން ހުއްޓިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ލިއޮނެލް މެސީ--

ލިއޮނެލް މެސީ އަކީ، މުޅި ދުނިޔެއިންވެސް، މިހައިތަނަށް ބޯޅައެއްގައި ފައިން ޖެހި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމާމެދު ޝައްކެއް ނެތެވެ. މިއަހަރުގެ ވޯލްޑް ކަޕް ފެށިގެން ކުރިއަށްދާއިރު، މިއީ އާޖެންޓީނާގެ އެ ތަރިއަށް ވޯލްޑް ކަޕް ޓްރޮފީ ހިއްލައިލަން ލިބޭ އެންމެ ފަހު ފުރުސަތެެވެ.

Ads by Sosun Fihaara

2014 ވަނަ އަހަރު ޖަރުމަނު އަތުން ފައިނަލުގައި އާޖެންޓީނާ ބަލިވިއެވެ.  އެއީ ވޯލްޑް ކަޕްގެ ފަހުރުވެރި ތައްޓާ އެންމެ ކައިރިއަށް މެސީއަށް އާދެވުނު ފަހަރަށް ވީއިރު، މިހާރު ޤަތަރުގައި ކުރިއަށްދާ މުބާރާތް މެސީއަށް ކިތަންމެހާވެސް ޚާއްސައެވެ.

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާއަށް ރަނގަޅު ފެށުމެއް ނުލިބުނީ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވުމުންނެވެ.

ނަމަވެސް މި މުބާރާތުގައި އާޖެންޓީނާއަށް އަލުން އެނބުރި އާދެވުނު ސަބަބަކަށްވީ މެކްސިކޯ އަތުން 2-0 އިން މޮޅުވެވުމުންނެވެ. މެކްސިކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ލަނޑު ޖަހައި، ދެވަނަ ލަނޑު ޖެހުމަށް އެހީވެސް ވެދީފައެވެ.

އާޖެންޓީނާގެ އުއްމީދުތައް ދަމަހައްޓައި، މެސީ ވަނީ އޭނާގެ ޤައުމު ސަލާމަތްކޮށްފައެވެ.

އެތައް ބައެއްގެ ލޯބި ލިބިފައިވާ މެސީ އެޓީމަކަށް ނިސްބަތްވާތީ އެތައް ދިވެހީންނެއްވެސް، މިފަހަރުގެ ވޯލްޑްކަޕްގައިވެސް އާޖެންޓީނާއަށް ސަޕޯޓު ކުރެއެވެ.

މެސީ މި މުބާރާތުގައި އަރާ އެޑިޑާސް ބޫޓުގެ ފޮޓޯތަކެއް މީސްމީޑިއާގައި އަންނަނީ ވައިރަލް ވަމުންނެވެ. މި ފޮޓޯ ހިއްސާ ކުރީ ޔޫއެފާ ޗެމްޕިއަންސްލީގުގެ އޮފިޝަލް ޕޭޖުންނެވެ. އޭނާގެ ބޫޓުގައި ލިޔެފައިވަނީ، އޭނާއާ އެންމެ ގާތް، ލޯބިވާ ތިން ދަރިންގެ ނަންތަކެވެ. އަދި އެ ކުދިންގެ އުފަން ތާރީޚުތަކެވެ. މެސީގެ ތިން ކުދިންނަކީ ތިއޭގޯ، މަޓޭއޯ، އަދި ސީރޯއެވެ. ތިން ކުދިންނަކީވެސް ފިރިހެން ދަރިންނެވެ.

މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި، އާޖެންޓީނާ ދެން ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. އާޖެންޓީނާ މިހާރު އޮތީ ގްރޫޕް ސީގެ ދެވަނަައިގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!