ޚަބަރު

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

Ads by Hajj Corporation

މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 15:00 ން މިރޭ 20:00 ގެ ނިޔަލަށެވެ.
މިއަދުގެ މޫސުމަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް ދެކުނުގެ ރަށްތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!