ޚަބަރު

މި މަސް ނިމުމުގެ ކުރިން ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކޮށް ނިމޭނެ: މިނިސްޓްރީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި މާލޭގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމައިލެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވީ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް ލަސްވަނީ އެ މަސައްކަތަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ތަކެތި ނުލިބި ލަސްވުމުގެ ސަބަބުން ކަމުގައެވެ. ނަމަވެސް އެ ތަކެތި މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ލިބޭނެ ކަމަށާއި މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމައިލެވޭނެކަމަށް ކޮންޓްރެކްޓަރު މަޢުލާތުދޭ ކަމަށް މިިނިސްޓްރީން ވިދާޅުވިއެވެ.

ސަލްމާން މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާގައި ހުންނަ ހަތަރު އޭސީ ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓު ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެކަން ހައްލުނުކުރެވޭތީ ގިނަ ބަޔަކު އަންނަނީ އެކަމާ ޝަކުވާ ވެސް ކުރަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލް ސަޢުދުގެ އެހީއާއެކު ރައީސް ޔާމީންގެ ޒަޢާމަތުގައި ބިނާކުރެއްވި ސަލްމާން މިސްކިތުގައި ފަސް ފަންގިިލާ ހިމެނޭއިރު ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!