މިއަދުގެ ކުއްލި މަރު؛ މޫނު އޮތީ ނޫވެފައި، ބޮޑަށް ބެލެވެނީ ނޭވާ ހާސްކޮށްލައިގެން މަރާލިހެން

ހދ. ނޮޅިވަރަމްގައި މިއަދު 28 އަހަރުގެ އަންހެނަކު ކުއްލިއަކަށް މަރުވެފައިވާއިރު، އެމަރާމެދު އެރަށުގެ މީހުން ޝައްކު ކުރަން ފަށައިފިއެވެ. ނޮޅިވަރަމްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ، 28 އަހަރުގެ ނިޝާމާ މުހައްމަދެވެ.
"ދެން"އަށް މައުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، އަންހެން މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށާއި މިގޮތުން މަރުވެފައި އޮއްވާ ފެނުނުއިރު މޫނު އޮތީ ވަރަށް ބޮޑަށް ނޫ ވެފައިވާ ކަމަށެވެ. މިހެންކަމުން ބޮޑަށް ބެލެވެނީ ނޭވާ ހާސްކޮށްލައިގެން މަރާލި ކަމަށް ކަމަށް އޭނާ ބުންޏެވެ.
މަރުވި މީހާގެ ހަށިގަނޑު ފެނުނު މީހަކު ކިޔައިދިން ގޮތުގައި އޭނާގެ ކަރުގައި ޒަޚަމްތަކެއް ވެސް ހުއްޓެވެ.
މިކަމުގައި އޭނާގެ ފިރިމީހާގެ މައްޗަށް ޝައްކު ކުރެވޭއިރު، ފިރިމީހާ އެރަށުން ގޮސްފައިވާ ކަމަށް ރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ފިލައިގެން ދިޔަ ފިރިހެން މީހާއަކީ އެރަށުގެ މީހެއް ނޫން ކަމަށާއި އަދި މަސްތުވާތަކެތީގެ ރިކޯޑެއް ވެސް އޮންނަ މީހެއް ކަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙްޤީޤް ކުރަމުންނެވެ.
ފުލުހުން މީޑިއާތަކާ މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، މީހަކު މަރާލައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން މިއަދު މެންދުރު 12:30ގައި ފުލުހުން ހަރަކާތްތެެރިވެފައިވާ ކަމަށެވެ. އަދި ހޭނެތިފައިވާ ސީން އިން ފެނުނު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ. މައްސަލަ ތަހްޤީޤް ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.