ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތް ދަރަނިވެރިވީ މިންވަރު ބެލުމަށް މަޖިލީހުން ފާސްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދައުލަތް ދަރަނިވެރިވެފައިވާ މިންވަރު ދެނެގަނެވިފައިނުވާތީ، އެކަން ބެލުމަށާއި ދަރަނި ބެލެހެއްޓުމުގައި ކަމާ ގުޅޭ ގާނޫނުތަކާއި އެއްގޮތަށް ހިނގަމުން ނުދާ މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީއިން ދިރާސާ ކުރުމަށް މިއަދު ފާސްކޮށްފި އެވެ.
މެންބަރުންގެ ލަފަޔާއި އިރުޝާދަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅި އެމައްސަލައިގައި ބުނެފައިވަނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައި ނުވާކަމުން އަދި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކަމާއި ގުޅޭ ގާނޫނާއި އެއްގޮތަށް ހިނގަމުން ނުދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކާއި ލަފަޔަކަށް އެދިލައްވާ ކަމަށެވެ.
މިމައްސަލަައަށް މިއަދުގެ މަޖިލީހުގައި ބަހުސްކޮށްފައިވާއިރު، މުޅި މަޖިލީހުގެ ކޮމިޓީން އެކަން ދިރާސާ ކުރުމަށް ފާސް ކޮށްފައިވެއެވެ. އެހުށަހެޅުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން މުޙައްމަދު އެވެ.
މުޅި މަޖިލީހުގެ ކޮމިޓީއަށް މިމައްސަލަ ދިރާސާ ކުރަން ފޮނުވަން ފެންނަކަމަށް 53 މެންބަރުން ވޯޓު ދީފައިވާއިރު ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.
މިމައްސަލައަށް އިތުރަށް ބަހުސް ކުރެއްވިއިރު ބައެއް މެންބަރުން ގޮވާލައްވާފައިވަނީ ލޯނުތަކުގެ ތަފްސީލު ހޯދުމަށް ޚާއްސަ އޮޑިޓެއް ކުރުމަށެވެ.