އިންޑިއާއަށް ދާ މީހުން ކޮވިޑަށް ޓެސްޓުކުރަނީ

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ކޮވިޑަށް ޓެސްޓުކުރުން މަޖުބޫރު ކުރަން އިންޑިއާ އިން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ހެލްތް މިނިސްޓަރ ވިދާޅުވީ އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ޕަސިންޖަރުންގެ ރިޕޯޓްތައް ސަރުކާރުގެ ވެބްސައިޓަކަށް އަޕްލޯޑްކުރަން ޖެހޭނެ ކަމަށާއި ތާމަލް ސްކްރީނިން ހަދަން ޖެހޭނެ ކަމަށެވެ.
ދުނިޔޭގައި މިހާތަނަށް ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިންޑިއާއިން އެގައުމުގެ އެއާޕޯޓުތަކަށް އަންނަ ފަސިންޖަރުންގެ ތެރެއިން 2 އިންސައްތަ މީހުން ރެންޑަމްކޮށް ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށާނެ ކަމަށްވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑްގެ އަލާމާތްތައް ފެނިއްޖެ ނަމަ، ގައިޑްލައިނާ އެއްގޮތަށް އެމީހަކު އެކަހެރިކޮށް، ފެސިލިޓީއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީގެ ގައިޑްލައިންގައި ބުނެފައިވެއެވެ
މި ހަފުތާގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ވަނީ ޗައިނާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި މާސްކު އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.