ސުނާމީގެ ގެއްުލުން ކުޑަ ކުރެވުނީ، ދިވެހީންގެ އެއްބައިވަންތަކަމުގެ ސަބަބުން- ރައީސް

ސުނާމީގައި ރާއްޖެއަށް ލިބުނު އެކި ގޮތްގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމުގައި އެންމެ ވަރުގަދަ ވަސީލަތަކަށްވީ، ދިވެހިންގެ އެއްބައިވަންތަކަން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މ.ކޮޅުފުށީގައި ބޭއްވި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހަކީ އެތައް ބައެއްގެ ދިރިއުޅުން ބިމާ ހަމަކޮށްލި ހިތާމަވެރިވެސް ދުވަހެއް ކަމަށް ވިދާޅުވެފައެވެ.
" އެހެން ނަމަވެސް، އެ ހިތާމައާއި އެ ހިތްދަތިކަމުގެ މައްޗަށް ހިތްވަރާއި ސާބިތުކަން އަޅުގަނޑުމެންނަށް އެ ދުވަހު ލިބުނީ، މާތް ﷲގެ ދީލަތިވަންކަމާއި އޯގާވަންތަކަމާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް، ވަރުގަދަ އީމާންތެރިކަމުން. އެ ވަރުގަދަ އީމާންތެރިކަމާއެކު، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަން." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ ސުނާމީގެ ކާރިސާ ހިނގައިދިޔަ ދުވަސްވަރު ދިވެހިން ސާބިތުކޮށްދިނީ ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި ކުލުނާއި ލޯބީގެ ވަރުގަދަ ގުޅުމުން ކޮންމެ ގޮންޖެހުމެއްވެސް ހުރަސް ކުރެވިދާނެކަން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މީހުން ދިރިނޫޅޭ ބައެއް ރަށްރަށް ހަލާކުވެގެންދިޔަކަމަށެވެ. އަދި އެހެނިހެން ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔަކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ހިތާމަތަށް ތަހައްމަލު ކުރުމަށާއި ދަތިތައް ފޫބެއްދުމަށް ކުރި މަސައްކަތުގައި ގެއްލުން ލިބުނު ރަށްތަކާއި ނުލިބޭ ރަށްތަކާއި ދެމެދު ތަފާތެއް ނެތްކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވީ، ހުރިހާ ރައްޔިތުންވެސް އެ ބަޔަކަށް ވީވަރަކުން، ކެރި ފޯރުންތައް ހުރިވަރަކުން އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިންކަމަށެވެ. އަދި ސަލާމަތީ ހިދުމަތްތަކާއި ދިފާއީ ބާރަށް ނިސްބަތްވާ ބޭފުޅުން ސުނާމީގެ ފުރަތަމަ ވަގުތުން ފެށިގެން ކުރި ބުރަ މަސައްކަތްތައް ދިވެހި ތާރީހުގައި އަބަދުވެސް ފެނިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.