Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ސުނާމީގެ ހަނދާންތަކާއެކު، ރައީސްގެ ލޯފުޅުން ކަރުނަ

ސުނާމީގެ ހަނދާންތަކާއެކު، ރައީސްގެ ލޯފުޅުން ކަރުނަ
ސުނާމީ ކާރިސާގެ ހަނދާންތައް އައު ކުރައްވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކީރިތި ކުރެއްވިއްޖެއެވެ. މިއަދު މ.ކޮޅުފުށީގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ ސުނާމީ އެރި ދުވަހު އެމަނިކުފާނަށް ކުރެއްވުނު ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ. ރައީސް ވިދާޅުވީ އެދުވަހުގެ ހިތްދަތި އިޙުސާސްތައް އެމަނިކުފާނަށްވެސް ތަޙައްމަލު ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު، ކަން ދިމާކުރި ގޮތުން، އެމަނިކުފާނަށް ހުންނެވުނީ، ޢާއިލާއާ އެކުގައި އުފަން ރަށް، ޅ.ހިންނަވަރުގައި ކަމަށެވެ.
"ލޮނުގަނޑު ރަށުތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފައިބައިގެން ދިޔައިރުގައި، މުޅި ރަށް އޮޔައިގެން އެދިޔަގޮތް އެއީ، އެ ދުވަހު އެތާހުރި މީހަކަށް ނޫނީވިއްޔާ އިޙްސާސް ކުރެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި، މުޅި ޢާއިލާ އެ ދުވަހު ތިބީ ރަށުގައި. އަޅުގަނޑުގެ ދޮށީ ދަރިފުޅު 9 އަހަރުގެ ސާރާ އިނީ ގޭ ކުރިމަތީގައި ހުރި ގަހެއްގައި. 7 އަހަރުގެ ފިރިހެން ދަރިފުޅު ހުރީ ފާރެއްގެ މަތީގައި. މަންމައާއި ހުރިހާ ކޮއްކޮއިން ރަށުގައި ތިބީ. މުޅި ޢާއިލާ އެކީގައި އޮތް. އަޅުގަނޑު ހިތުން ކޮޅުފުށްޓަށް އެދުވަހު އެ ވެގެންދިޔަގޮތް އެއީ، އަދި އަޅުގަނޑުމި ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި، މާބިރުވެރި، މާ ދަތި ދުވަހެއް." ކީރިތި ކުރައްވަމުން، ރައީސް ސުނާމީ އެރި ދުވަހުގެ ތަޖުރިބާ ހިއްސާ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ދުވަހަކީ އެތައް ބައެއްގެ ދިރިއުޅުން ބިމާ ހަމަކޮށްލި ހިތާމަވެރިވެސް ދުވަހެއް ނަމަވެސް އެ ހިތާމައާއި އެ ހިތްދަތިކަމުގެ މައްޗަށް ހިތްވަރާއި ސާބިތުކަން އަޅުގަނޑުމެންނަށް އެ ދުވަހު ލިބުނީ، މާތް ރަސްކަލާނގެ ދީލަތިވަންކަމާއި އޯގާވަންތަކަމާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް، ވަރުގަދަ އީމާންތެރިކަމުން ކަމަށެވެ. ސުނާމީ ކާރިސާގައި ދިވެހީންގެ ތެރެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި މިދުވަސް މިއަދު ފާހަގަކުރާ ކޮޅުފުށިން އެކަނިވެސް، ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިން ހިމެނޭހެން، 16 މީހަކު މި ދުނިޔެ ދޫކުރިއެވެ.    

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް