ޕްރަބާސްއާ ދިޕިކާ އެކީގައި ސްކްރީނަށް، ފިލްމުގެ މޭކިންގް ދައްކާލައިފި
ސައުތު އިންޑިއާގެ ސުޕަސްޓާ ޕްރަބާސް އާއި ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދިޕިކާ ޕަދުކޯން އެކީގައި ފެންނަ ފިލްމުގެ މޭކިންގް ދައްކާލައިފި އެވެ.
މިހާތަނަށް ވަކި ނަމެއް ދީފައި ނުވާ މި ފިލްމަށް މިވަގުތު ކިޔަނީ "ޕްރޮޖެކްޓް ކޭ" އެވެ. މިދިޔަ 2022 ވަނަ އަހަރު އިއުލާން ކުރި މި ފިލްމަކީ ޕްރަބާސް އާއި ދިޕިކާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
"ބާހޫބަލީ" އިން މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ޕްރަބާސް ދިޕިކާ އާއިއެކު ފެނިގެންދާނެކަން މީޑިއާތަކަށް ތިލަވުމާއިއެކު ސަޕޯޓަރުންގެ މެދުގައި މިފިލްމު ވައިގައި ހިފައިލި އެވެ. މި ދެތަރިންގެ އިތުރުން އަމީތާބް ބައްޗަން އާއި ދިޝާ ޕަޓާނީވެސް "ޕްރޮޖެކްޓް ކޭ" އިން ފެންނާނެ އެވެ.
މި ފިލްމާއި ގުޅުންހުރި މާ ގިނަ ވާހަކަތަކެއް މިހާތަނަށް ފެންމަތިވެފައި ނުވިނަމަވެސް މިއީ ސައިންސް ފިކްޝަން ޖޯންރާގެ ފިލްމެއްކަން ކަށަވަރުވެ އެވެ. އަދި މިއީ މުސްތަގުބަލުގެ ވާހަކަ ކިޔައިދޭނެ ފިލްމެއް ކަމަށްވެސް މީޑިއާތަކުގައި ދަނީ ރިޕޯޓު ކުރަމުންނެވެ.
ޕްރަބާސް އޭނާގެ ސޯޝަލް މީޑިއާގައި ރޭ އާންމު ކުރި ވީޑިއޯއެއްގައި މި ފިލްމު އުފެއްދުމުގެ މަސައްކަތް ކުރާތަން ފެނެ އެވެ. އެއާއެކު އޭނާ ލިޔެފައި ވަނީ ފިލްމުގެ ލިޔުންތެރިޔާ ސައި މާދަވް ބުއްރާގެ ބަސްކޮޅެކެވެ. އޭގައި ބުނަނީ "ޕްރޮޖެކްޓް ކޭ" އަކީ ޓައިމް ޓްރެވަލް ފިލްމެއް ނޫން ކަމަށެވެ. އަދި ޓައިމް މެޝިނާއި ވަގުތުގެ ތެރޭގައި ދަތުރު ކުރުންފަދަ އެލެމެންޓު މި ފިލްމުގައި އެއްވެސް ވަރަކަށް ނުހިމެނޭނެ ކަމަށެވެ. މިއީ މުޅިން ތަފާތު ޖޯންރާއެއްގެ ފިލްމެއް ކަމަށްވެސް ލިޔުންތެރިޔާ ވަނީ ބުނެފަ އެވެ.
މިހައިތަނަށް ވަކި ތާރީހެއް ދީފައި ނުވާ މި ފިލްމު މިއަހަރު ރިލީޒް ވާނެކަމަށް އޮތީ ބެލެވިފަ އެވެ. އެއާއެކު މޮޅެތި ވިޝުއަލް އާޓްސް މަސައްކަތްތަކެއް މިފިލްމުން ފެންނާނެކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.
"ޕްރޮޖެކްޓް ކޭ" ޑައިރެކްޓު ކުރަނީ ނާގް އަސްވިން އެވެ. އޭނާ ވަނީ މީގެ ކުރިން "މަހަނާތީ" "ޔޭ ހޭ ޒިންދަގީ" އަދި "ޖާދީ ރަތުނާލޫ" ފަދަ ފިލްމުތައް ޑައިރެކްޓު ކޮށްފަ އެވެ.