އިއްތިހާދަކުން ސަރުކާރެއް ހިންގުމުގެ ގާނޫނީ ސައްހަކަން އޮޅުން ފިލުވުމަށް ޖާބިރުގެ މައްސަލައެއް މަޖިލީހަށް

ސަރުކާރެއް ހިންގުމުގައި އިއްތިހާދެއް އޮތުމުގެ ގާނޫނީ ސައްހަކަން އޮޅުންފިލުވުމަށް ކާށިދޫ ދާއިރާ މެންބަރު ޢަބްދުﷲ ޖާބިރު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އިއްތިހާދެއް ހެދުމާއި އަދި ސަރުކާރެއް ހިންގުމުގައި އިއްތިހާދެއް އޮތުމާއި، އެ އިއްތިހާދަށް ސަރުކާރުގެ ވުޒާރާތައް ބެހުމާއި ގުޅޭ ގާނޫނީ ސައްހަކަން އޮޅުންފިލުވުމަށް ޖާބިރު ސިޓީ އެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޖާބިރު ފޮނުއްވި އެ ސިޓީގައިވާ ކަންކަން ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މަޖިލީހުގެ ރައީސް ވަނީ ފޮނުއްވާފައެވެ.
ޖާބިރު މިކަން ސާފުކުރުމަށް މަޖިލީހަށް ހުށަހެޅުއްވިއިރު މިހާރު ވެރިކަން ކުރަމުންދާ ސަރުކާރު ކޯލިޝަނަށް ޖާބިރު މީގެކުރިން ވަނީ އެތައް ފަހަރެއްގެ މަތިން ފާޑު ވިދާޅުވެފައެވެ.
މީގެ އިތުރަށް ޖާބިރު ވަނީ ވަޒީރަކު ހުއްދަ ނުދެއްވައިގެން އޭނާ ބޭނުންފުޅުވާ ތަނެއްގައި ޑީކޮމްޕްރެޝަން ނުބެހެއްޓޭތީ އެ އެމައްސަލަ ވެސް ހުށަހަޅުއްވާފައެވެ. އެ މައްސަލަ ދިރާސާކުރަން ފޮނުވާފައިވަނީ ގައުމީ ތަރައްގީއާ ބެހޭ ކޮމިޓީ އަށެވެ.