އޭޝިއާ ދުނިޔެ

ކައިވެނި ނުކުރެވުމުން ލޯބިވެރިޔާ މަރާލައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކަށް އިންޑިއާގައި ވަޅިން ހަމަލާދީ މަރާލާފައި ވަނިކޮށް ފެނިއްޖެއެވެ. މިކަން ހިނގާފައި ވަނީ ހޯމަ ދުވަހު އިންޑިއާގެ ބެންގަލޫރުގެ ޕްރެޒިޑެންސީ ކޮލެޖުގައެވެ.

Ads by Sosun Fihaara

ޕްރެޒިޑެންސީ ކޮލެޖްގައި ބީޓެކް ކިޔަވަމުންދިޔަ ލަޔަސްމިތާއަށް އޭނާގެ އާޢިލީ ގޮތުން ގާތް މީހެއް ހަމަލާދީފައިވަނީ ކޮލެޖްގެ ކޮރިޑޯގައި ހުއްޓައެވެ. ފުލުހުން މިހާރު ވަނީ މި ހަމަލާދިން މީހާގެ ވަނަވަރު އާންމުކޮށްފައެވެ.

އެގޮތުން އޭނާއަކީ ބެންގަލޫރުގެ ނޫރުޕަތުންގާ ޔުނިވާސިޓީގައި ބީސީއޭގައި ކިޔަވަމުން އަންނަ ޕަވަން ކަލިއާން ކިޔާ އުމުރުން 21 އަހަރުގެ ފިރިހެނެއްކަމަށާއި، އާއިލީގޮތުން އޭނާއަކީ ލަޔާސްމިތާގެ ދުރު ކަޒިން އެއް ކަމަށް ފުލުހުންވަނީ މަޢުލޫމާތުދީފައެވެ. އަދި އެ ދެ މީހުން އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނަ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

ފުލުހުން ބަޔާންކޮށްފައިވާ ގޮތުގައި ޕަވަން ލަޔަސްމިތާގެ ކޮލެޖަށްވަނީ ސެކިއުރިޓީއަށް ވަޅިން ބިރުދެއްކުމަށްފަހުއެވެ. އަދި ހަމަލާ ދިނުމުގެ ކުރިން ޕަވަންވަނީ ލަޔަސްމިތާއާއިއެކު ކުޑައިރުކޮޅަކު ވާހަކަ ދައްކާފައެވެ. އޭގެފަހުން އޭނާވަނީ އެތައް ފަހަރަކު ލަޔަސްމިތާއަށް ހަމަލާ ދީފައެވެ. އަދި އަމިއްލައަށް މަރުވުމަށްޓަކައި އަމިއްލަ ގަޔަށްވެސް ވަނީ ވަޅި ހަރާފައެވެ.

ކޮލެޖުގެ ސްޓާފުންނާއި ރަޙްމަތްތެރިން ލަޔަސްމިތާ ގޮވައިގެން ކައިރި ހޮސްޕިޓަލަކަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި، ޕަވަންއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.

ފާއިތުވި ތިން އަހަރު ލަޔަސްމިތާގެ މައިންބަފައިންގެ ކިބައިން ޕަވަން އެދެމުން ދިޔައީ އެމީހުންގެ ދަރިފުޅާ އޭނާގެ ކައިވެނި ކޮށްދިނުމަށް ކަމަށާއި އެކަމަށް ލަޔަސްމިތާގެ މައިންބަފައިންވަނީ ނުރުހުން ފާޅުކޮށް، އެ މީހުންގެ ދަރިފުޅާއި ގާތްނުވުމަށް ޕަވަންއަށް އިންޒާރުދީފައިވެއެވއ.  މި ހާދިސާ އިތުރަށް ތަހްގީގު ކުރަމުންދާކަމަށް ފުލުހުންވަނީ މަޢުލޫމާތުދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!