ނީލަން ފިހާރައިގައި ރޯވުން: އެސަރަހައްދުގެ ސުކޫލުތަކުގެ ގަޑިތަކަށް ބަދަލުތަކެއް

ނީލަން ފިހާރައިގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން އެސަރަހައްދުގައި ހުރި ސުކޫލުތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑުގާއެކު، އެސަރަހައްދަށް ފެތުރުނު އޮލަ ދުންގަނޑުގެ ސަބަބުން އިއްޒުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލަށް ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައި ވާތީ މިއަދުގެ ކިޔެވުން ވަނީ ކެންސަލް ކޮށްފައި ވާއިރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ފެށޭ ގަޑިއަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ސުކޫލުގެ ކިޔެވުން މިއަދު ފެށިފައިވަނީ 10:00 ގައެވެ.
ރޭ ފަތިހު 05:40 ގައި މާލޭގައި ހުންނަ ނީލަން ފިހާރައިގައި ހިފި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ދެ ގަޑިއަރަށްވުރެ ގިނަ އިރު ވީ ފަހުންނެވެ.
މި އަލިފާންގަނޑު ފެތުރި ނީލަން ފިހާރައާއި އިންވަގެން ހުންނަ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އެކޮމެޑޭޝަން ބްލޮކުގައި ރޯވެ އެތަންވެސް ވަނީ އަނދައި ހުލިވެފައެވެ.
މިއާއެކު މާލޭ އާ އަތޮޅު ތެރޭގައި ފަހުގެ ތާރީޚެއްގައި ހިނގައިފައިވާ އަލިފާނުގެ ހާދިސާތައް ހިނގައިދިޔަ ގޮތާ ގުޅޭ ޚާއްސަ ތަހުޤީގެއް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.