ދެކުނު އޭޝިޔާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑަށް ކުރިއަރާނީ ރާއްޖޭގެ އިގްތިސާދު: ވޯލްޑް ބޭންކް
ދެކުނު އޭޝިޔާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑަށް ކުރިއަރާނީ ރާއްޖޭގެ އިގްތިސާދު ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ވޯލްޑް ބޭންކުން ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް ރިޕޯޓުގައި ބުނެފައިވަނީ މިސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރާނީ ރާއްޖޭގެ އިގްތިސާދު ކަމަށެވެ. ނަމަވެސް ކުރިން 12.4 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރި ދިވެހި އިޤުތިޞާދު މި އަހަރު ކުރިއަރާނެކަމަށް މިހާރު ލަފާކުރަނީ 8.2 އިންސައްތައަށް ކަމަށެވެ.
މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރާ އިޤުތިޞާދަށްވާނެކަމަށް އެ ބޭންކުން އަންދާޒާކުރާ މައިގަނޑު ސަބަބަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ފަތުރުވެރިކަމަށް ލިބޭ ކުރިއެރުން އިތުރުވަމުންދާތީއެވެ.
ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމެއް ކަމަށާއި، ޔޫރަޕާއި އެމެރިކާއިގެ އިގްތިސާދަށް ކުރިމަތިވާ ހީނަރުކަމާ ގުޅިގެން އެ ސަރަހައްދުތަކުން ޓޫރިސްޓުން އަންނަ މިންވަރު މަދުވުން އެކަށީގެންވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް އޭގެ އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެސް ބުނެފައިވެއެވެ.
އެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ގޮތުން ބޮޑު ކާރިސާއެއް އުފެދިގެން ދިއުމާއެކު، ދުނިޔޭގެ ތަރައްޤީއަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. މިއާއެކު ދުނިޔޭގެ ދަރަނި އިތުރުވެގެން ދިޔަ ކަމަށް ބުނެފައިވެއެވެ.
އަދި ދުނިޔޭގައި ވެކްސިން ޖަހަން ފެށުމުން ގައުމުތަކުން ބަލިމަޑުކަމުން އަރައިގަންނަން ފަށައި، އެތައް މިލިއަން ކުދިންތަކެއް ކްލާސްރޫމަށް އެނބުރި ދިއުމަށް މަގުފަހިވި ނަމަވެސް، ފަހުގެ ތާރީހެއްގައި އުނގެނުމަށް ލިބުނު ގެއްލުމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެފައިވެއެވެ.
އަދި ކާބޯތަކެތީގެ އިންފްލޭޝަނާއި ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ބާވަތްތަކާއި ތެލާއި ފާޓިލައިޒާގެ އަގުތައް އުފުލިގެން ދިޔަ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.