ޚަބަރު

ޕްރައިމަރީގެ ވޯޓު ސައްޚަކަން ކަށަވަރު ކުރުމަށް، ރައީސް ނަޝީދުގެ ފަރާތްޕުޅުން ގިނަ ކަންތައްތަކެއް ހުށަހަޅުއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ސައްހަކަން ޔަޤީން ކުރުމުގެ ގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން 20 ކަމެއް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދުގެ ފަރާތްޕުޅުން ފައްޔާޒަށް ފޮނުއްވި ސިޓީގައި ވަނީ ޕްރައިމަރީ އިންތިޚާބުގެ ސައްޚަކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ފުރިހަމަ ވާން ޖެހޭ ކަމަށް ޤަބޫލު ކުރެވޭ ކަންކަން އެބަހުރި ކަމަށެވެ.

މިގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އެންމެ ފުރަތަމަ ފާހަގަކުރެއްވީ، ކޮންމެ ވޯޓްލާ މަރުކަޒެއްގައި ހާމައަށް ފެންނާނެހެން ދެ ކެންޑިޑޭޓުން ސޮއިކޮށްފައިވާ، އެ ފޮއްޓަކަށް ވޯޓު ހައްޤުވާ މީހުންގެ ލިސްޓެއް ބަހައްޓަން ޖެހޭ ކަމެވެ.

ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި އެ ފޮއްޓަކަށް ލިބުނު ވޯޓު ކަރުދާސްތައް ގުނާ ޖުމުލަ އަދަދު ހާމަކުރުމާއި، ވޯޓުލާންދާ މީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު އެ މަޢުލޫމާތު ބާރަށް އިއުލާން ކުރުމާއި ވޯޓުލާ މަރުކަޒު ތެރެއަށް ފޯނު ނުވެއްދުމާއި ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ނިޝާނަކީ ނުފޮހެވޭ ދެއްޔަކުން ޖަހާ ނިޝާނަކަށް ހެދުމަށާއި، ވޯޓުލުމުގެ ކުރިންވެސް އަދި ފަހުންވެސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގުން މަނާކުރުމާއި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުން މަނާ ކުރުމާއި ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން ކުރަހާފައި ނުވަތަ ލިޔެފައިވާނަމަ ވޯޓު ބާތިލު ކުރުންވެސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވައިފައިވެއެވެ.
އެންމެ ފުރަތަމަ ފާހަގަކޮށްފައިވާ މި އަށް ކަމަކީ ގައުމީ އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަނުންވެސް އަމަލުކުރަމުން އަންނަ އާންމު އުސޫލުކަމަށް ބުނެފައިވެއެވެ. މިއީ ވޯޓު ގަނެ ވިއްކުމުގެ އުކުޅުތަކަށް ފުރުސަތު ނުދިނުމަށް ހިފަހައްޓާ ހަމަތަކެއް ކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެހެން ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:

  • ވޯޓުގެ ނަތީޖާ ޝީޓު ވަކި ސިޓީ އުރައެއްގައި ބަންދުކޮށް ސީލް ޖަހާ އެ ސީލުގައި ސޮއިކޮށްފައި އޮތުން
  • ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓް ކަރުދާހާއި ބާކީ ހުރި ވޯޓް ކަރުދާސްތައް ލާފައިވާ ސިޓީ އުރަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން
  • ލިޔުމުންނާއި އީމެއިލުންނާއި ފޯމުންނާއި ގޫގުލް ފޯމު މެދުވެރިކޮށް އިންތިހާބާއި ބެހޭ ޝަކުވާތައް އިންތިހާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު އޮތުން
  • ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލިސްޓް ޖެނުއަރީ 26 ވަނަ ދުވަހު ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ހަމަޖެއްސުން
  • ވޯޓްލާންދާ މީހާގެ އައިޑީ ކާޑާއި މެދު ޝައްކުވެއްޖެ ނަމަ އޮބްޒާވަރުންނަށް އައިޑީ ކާޑު ދެއްކުން
  • ވޯޓް ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެވަގުތެއްގައި ވޯޓުލީ މީހުންގެ އަދަދު ވޯޓުލާ މަރުކަޒުގައި އިއުލާން ކުރުން
  • ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާން ކުރުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާ ވާދަ ކުރައްވަނީ، އެ ޕާޓީ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އިންތިޚާބުގެ ކެމްޕެއިން ނިންމައިލުމަށް، ދެ ކެންޑިޑޭޓުން ބާއްވަވާ ނިންމުމުގެ ޖަލްސާ، މިރޭ އޮންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!