ދުނިޔެ

އަފްގާންގައި ފިނީގައި މަރުވި މީހުންގެ އަދަދު 166އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ފިނިގަދަވެގެން 166 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ޖަނަވަރީ 10 އިން ފެށިގެން އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި ފިނިހޫނުމިން ވަނީ އާދަޔާ ޚިލާފަށް ދަށަށް ގޮސްފައެވެ. ފަގީރު ހާލުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ އާބާދީގެ ބޮޑު ބަޔަކަށް ފިނީގެ އަސަރުކޮށް، ހާލަތު ވަނީ ދަށްވެފައެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ފިނީގެ ތޫފާނުގައި ގިނަ ސަރަޙައްދުތަކެއްގެ ފިނިހޫނުމިން ވަނީ މައިންސް 33 ޑިގްރީ ސެލްސިއެސްއަށް ދަށްވެފައެވެ. އަދި، ބައެއް ސަރަޙައްދުތަކަށް ބޯކޮށް ސްނޯ ފައިބަމުންދާއިރު، ބައެއް ސަރަޙައްދުތަކަށް ފިނި ވައި ޖެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން، ގިނަ ސަރަޙައްދުތަކަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުން ދިޔުމާ ގުޅިގެން ޢާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. އަފްޣާނިސްތާނުގެ 38 މިލިޔަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ފިނީގެ އަސަރު ކުރަމުންދާ ކަމަށް އެ ޤައުމުގައި ހަރަކާތްތެރިވާ އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.

އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މިހާރު ކާބޯތަކެއްޗަށް ޖެހިފައިވާއިރު، އޭގެ ތެރޭގައި ހަތަރު މިލިޔަނަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ޖަނަވަރީ 28 ވަނަ ދުވަހު އެ ޤައުމުގެ ކާރިސާތަކާ ބެހޭ މިނިސްޓްރީން ވަނީ، ފިނީގެ ސަބަބުން އިތުރު 88 މީހުން މަރުވެފައިވާ ކަމަށާއި، ޖުމުލަ 166 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމުގައި ބުނެފައެވެ.

މީގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ފެންބޮޑުވުމުގެ ސަބަބުންނާއި، އަލިފާނުގެ ހާދިސާތަކާއި، ގެދޮރު ފިނިހުރަން ބޭނުންކުރާ އާލާތްތަކުން ގޭސް ލީކުވުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ. މި ހާދިސާތަކުގައި 100 އަށްވުރެ ގިނަ ގެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، 80,000 އަށްވުރެ ގިނަ ނައަމްސޫފި ވެސް މަރުވެފައިވާ ކަމުގައި އޮފިޝަލުން ބުނެއެވެ.

މީގެ އިތުރުން ބައެއް ސަރަޙައްދުތަކުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ބުނެފައެވެ. އެ ޖަމުޢިއްޔާއިން ބުނީ، ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރި، އިރުއުތުރުގައިވާ ބަދަޚްޝާން ޕުރޮވިންސުގެ އަވަށަކުން 17 މީހުން މަރުވެފައިވާ ކަމުގައެވެ. އަދި، ފިނީގެ ސަބަބުން، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމުގައި ވެސް އެ އިދާރާގެ އޮފިޝަލުން ބުނެއެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ތާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަނެފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެއާ އެކު، އެ ޤައުމަށް ލިބެމުންދިޔަ އެހީގެ ޢަދަދު މަދުވެގެން ދިޔައެވެ. އަދި، އެހީދޭ ޖަމާޢަތްތަކުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވިއެވެ.

އެ ޤައުމަށް އެހީ ދިނުމަށް ވަޢުދުވެފައިވާ ޤައުމުތަކުންނާއި ޖަމުޢިއްޔާތަކުން ވެސް، އެ ފައިސާ ފޯރުކޮށްދީފައެއް ނުވެއެވެ. މި ކަމާ ގުޅިގެން، މީގެ ކުރިން ވެސް ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އަފްޣާނިސްތާނުގެ އެތަކެއް މިލިޔަން ރައްޔިތުންގެ ހާލަތު ވަނީ އިތުރަށް ދެރަވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!