ޚަބަރު

ތިލަފުށިން ވިއްކާ ބިމުގެ 90 ޕަސެންޓް ހާއްސަކުރާނީ ދިވެހިންނަށް: އެޗްޑީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިނާއީ ބޭނުމަށް ބިން ދޫކުރަން ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުގެ 90 ޕަސެންޓް ދިވެހި ކުންފުނިތަކަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޭރުގެ ކުންފުނިތަކަށް އެދެވޭނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ތެރެއިން މަދު ބިންތަކަކަށް ކަމަށެވެ.

އަދި އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓް ބިން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް، ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ކަނޑައެޅިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެ އިތުރުން ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަމަށާއި ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

“މިގޮތުން ދިވެހި ވިޔަފާރިތަކަށް ހާއްސަ ކޮށްފައިވާ ވިޔަފާރިތައް، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އަދި އެ ބިންތައް ދޫކުރުމުން އެ ތަންތަނުން ދިވެހިން ވަޒީފާގެ ގިނަ ފުރުސަތުތައް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.

އެޗްޑީސީން މިފަދައިން ވިދާޅުވެފައިވަނީ ތިލަފުށިން ބިން ވިއްކާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. ތިލަފުށިން ބިދޭސީންނަށް ބިން ކުއްޔަށް ދޭތީ އެކަމާ ދެކޮޅަށް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

  1. ާއަހުމަދު

    ކެމްޕޭނަށް ފައިސާހޯދަން ރާއްޖޭގެ ބިން އިންޑިއާގެ ވަގު ކުންފުނިތަކަށް ވިއްކިޔަދީގެން ނުވާނެ.