ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by MWSC

މިއަދު، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާގެ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރައްވާނީ ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސަޢީދެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ މަނިކުފާނަށް 61 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއިރު، އެ މަނިކުފާނާ ވާދަ ކުރެއްވި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ، 39 އިންސައްތަ ވޯޓެވެ.

އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހުގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ، ޕާޓީގެ ދަފްތަރުން 39،000 މެމްބަރުން އުނިކޮށް، ބޭއްވި ޕްރައިމަރީ ބަލައިނުގަންނަކަން މީގެ ކުރިން ހާމަ ކޮށްފައެވެ.

ހާމިދު ހުށަހެޅުއްވި މައްސަލައިގައިވެސް ވަނީ،  ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ.

އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫން ކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

 

  1. ދޮންއާދަމްބޭ.

    އޭތް”’ނަޝީދު،ކަލެއަކީ ޖަލުން ފިލައިގެންއުޅޭ ޤައިދީއެއް.ޝަރުޢީކޯޓްގެ 13 އަހަރުގެ ޖަލުޙުމެއް ތަންފީޛް ކުރަންޖެހޭ މުޖުރިމެއް.ކަލޭގެޙުކުމް ބާޠިލްކުރީ ދުނިޔޭގެ ކޮން ކޯޓަކުން.؟މިކަލޭ ފިލައިގެންއުޅެފަ،ވެރިކަންބަދަލުވީމަ،ރާއްޖެއައުމާއެކު،ސަރުކާރުން އޭނަ ޖަލަށް ގެންދަން ޖެހޭނޭނު…؟؟އަބްދުﷲޣާޒީ ވަގައްނެގި މުޖުރިމް.އާދޭހާއެކުދަންނަވަން،ޤާނޫނު ފުރިހަމައަށް ދަމަހައްޓާ ރައީސް ޞާލިޙް…ޖަލަކީ ސިޔާސީ މީހުންގެތެރެއިން ހަމައެކަނި ރައީސްޔާމީނަށް ޚާއްޞަތަނަކަށް ނުހައްދަވާ…!!!ހަނދާން އާކޮށްލުމަށްޓަކާ ދަންނަވާލީ…ޝުކުރިއްޔާ.