ޚަބަރު

ތުރުކީ-ސީރިއާއަށް އެހީވުމަށް މާލޭ މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީ-ސީރިއާ ބިންހެލުމާ ގުޅިގެން، އެ ދެ ޤައުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި ފައިސާ އެއްކުރަން "އެއް އުންމަތެކޭމީ" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން މިއަދު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަންޑް ފޮށި ބަހައްޓައިއެވެ.

Ads by Sosun Fihaara

އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅީ ފަންޑު ފޮށިތައް މިއަދު ހެނދުނު 11:00 އިން މެންދުރު 2:00 އަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލޭގެ މިސްކިތްތަކުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި ވީހައިވެސް ގިނަ ބަޔަކު އެ ދެ ޤައުމަށް އެހީވުމަށް އެދިވަޑައިގެންނެވިއެވެ.

ތުރުކީ އާއި ސީރިއާ އަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އައި ވަރުގަދަ ބިންހެލުންތަކަކާ ގުޅިގެން މިހައިތަނަށް 43،000އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ދެ ޤައުމަށް އެހީގެ ގޮތުގައި އެއް މިލިއަން މަސް ދަޅު ހަދިޔާ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމަވައިފައެވެ.

ބޭރުގެ ބައެއް މީޑިއާތަކާ ވާހަކަ ދެއްކި ތުރުކީގެ ރައްޔިތުން ބުނީ، މިވަރުގެ ބިރުވެރި ކަމެއް އެމީހުންގެ މުޅި ހަޔާތުގައި ދިމާވެފައި ނެތް ކަމަށާއި، މަރަކީ މިހާރު އެމީހުންނަށް ސިހުން ގެނުވާ އެއްޗަކަށް ނުވާ ކަަމަށެވެ. އާއިލާގެ އެތައް ބައެއްގެ ފުރާނަ ނެތް ހަށިގަނޑު ބަލަން ޖެހުމަށް، މިއަށްވުރެ ހިތާމަވެރި ކާރިސާއެއް، ދެން ދިމާވެދާނެ ކަމަށް ނުދެކޭ ކަަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ބިންހެލުން އައިތާ 260 ގަޑިއިރު ފަހުން، ތުރުކީން ދެ ފިރިހެނަކު ސަލާމަތް ކޮށްފައިވާއިރު، އިތުރު މީހަކު ދިރިހުއްޓައި ފެނުމުގެ އުއްމީދު ނެތް ކަމަށް ރެސްކިއު ޓީމުތަކުން ބުނެއެވެ. ނަމަވެސް އެ ޓީމުތަކުން މަސައްކަތް ކުރަމުން އަންނަނީ އިމާރާތްތަކުގެ ދަށުވެ، ތާށިވެގެން މަރުވި މީހުންގެ ހަށިތައް ހޯދުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!