އައިސީސީއާރްގެ ފަރާތުން 2024- 2023 ގެ ދިރާސީ އަހަރަށް ދޫކުރާ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް) މެދުވެރިކޮށް 2024- 2023 ގެ ދިރާސީ އަހަރަށް 34 ސްކޮލަރޝިޕް ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން ދިވެހި ކިޔަވާކުދިންނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުން އަންޑަރ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އަރޓްސް، ސައިންސް، އިންޖިނިއަރިންގ، ބިޒްނަސް، ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން އިންޑިއާގެ ސަޤާފަތުގެ ދާއިރާއިން ޢިލްމު އުގެނުމުގެ ފުރުސަތަށް ބައިނަލައަޤްވާމީ ގޮތުން 100 ސްކޮލަރޝިޕް ސްލޮޓްވެސް ހުޅުވާލެވިފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަޤާފަތުގެ ތެރެއިން މިއުޒިކް، ޑާންސް، ތިއޭޓަރ، ޕަރފޯމިންގް އަރޓްސް، ސްކަލްޕްޗަރ، އިންޑިއާގެ ބަސްތަކާއި އިންޑިއާގެ ސުފުރާތަށް ހިމެނެއެވެ.
މިސްކޮލަރޝިޕްތަކުގެ ތެރޭގައި މެޑިކަލް، ޕެރަމެޑިކަލް، ފެޝަން ފަދަ 5 އަހަރުގެ މުއްދަތުން ފުރިހަމަ ކުރާ އިންޓަރގްރޭޓަޑް ކޯސްތަށް ހިމެނިފައިނުވެެއެވެ.
މި ސްކޮލަރޝިޕް ފުރުސަތުތަށް ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދަރިވަރުންނަށެވެ. އަދި ޕީއެޗްޑީގެ ފުރުސަތަށް ކުރިމަތިލުމަށް އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ.
މިފުރުސަތުތަކަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިންކޮށް އައި.ސީ.ސީ.އާރްގެ އޭ2އޭ ޕޯޓަލް އިންނެވެ. މި ޕޯޓަލް ހުޅުވިފައިހުންނާނީ 20 ފެބްރުއަރީ އިން 30 އޭޕްރިލް 2023ގެ ނިޔަލަށެވެ.
މި ޕޯޓަލްގައި ބޭނުންވާ އެންމެހާ މަޢުލޫމާތުތައް ހިމެނިފައިވާނެއެވެ. އޭގެތެރޭގައި ބައިވެރިވެފައިވާ ޔުނިވަރސިޓީ އަދި އިންސްޓިޓިއުޓްސް، ހުޅުވާލެވިފައިވާ ކޯސްތައް، ހޮސްޓެލް ޙިދުމަތުގެ ފުރުސަތާއި، އެޕްލިކޭޝަން އުސޫލުތަކާއި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ އިތުރުން ކުރިމަތިލާ ފަރާތްތަކަށް އެޕްލައި ކުރުމުގައި ކިޔަވަން ބޭނުންވާ ކޯސް ކަނޑައެޅުމުގައި ފަސޭހަވާނެހެން އިތުރު ކަމާއިގުޅޭ މަޢުލޫމާތުތައް ހިމެނިފައިވެއެވެ.
މި ސްކޮލަރޝިޕްތަކަށް ޝަޢުގުވެރިކަން ހުރި ދަރިވަރުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށްޓަކައި އިންޑިއަން ކަލްޗަރަލް ސެންޓަރ (އައި.ސީ.ސީ)، މާލެ، ޑިރެކްޓާރ ފަރާތުން މއ. ވަވަތި، ނިކަގަސް ހިނގުން، 4 އަދި 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ނޫނީ 3306612/ 3306614 ގުޅުއްވަައިން މަޢުލޫމާތު ސާފުކުރެވޭނެއެވެ.