އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖޭން އަދާކުރާ މުހިއްމު ދައުރާ ގުޅޭ ޕެނަލް ޑިސްކަޝަންއެއް ބާއްވަނީ
އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖޭން އަދާކުރާ މުހިއްމު ދައުރާ، ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައި، ދަ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީއާ ގުޅިގެން ޕެނަލް ޑިސްކަޝަންއެއް ބާއްވަންް ނިންމައިފިއެވެ.
1 ޖެނުއަރީ 2023 އިން ފެށިގެން، ދިވެހިރާއްޖެ މިހާރުވަނީ އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 2023 އިން 2025 ގެ މުއްދަތަށް، މެމްބަރުކަމާ ހަވާލުވެފައެވެ. އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް އަކީ އ.ދ.ގެ ނިޒާމުގެ ތެރޭގައި އޮންނަ، 47 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އެކުލެވޭ އިންޓަރގަވަންމެންޓަލް ބޮޑީއެކެވެ. އަދި މިއީ ދިވެހިރާއްޖެއިން މި ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ތަމްޞީލުކުރާ ތިން ވަނަ ފަހަރެވެ.
އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖޭން އަދާކުރާ މުހިއްމު ދައުރާ، ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައި، ދަ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީއާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީއާއި، މަތީ ސާނަވީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ޕެނަލް ޑިސްކަޝަނެއް މި ފެބްރުއަރީ މަހު 22 ވަނަ ދުވަހު އެމް. އެން. ޔޫ. އޮޑިޓޯރިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު ތީމަކީ "މޯލްޑިވްސް މެމްބަރޝިޕް އެޓް ދަ ހިޔުމަން ރައިޓްސް ކައުންސިލް: ހިސްޓްރީ އެންޑް ފިއުޗަރ ޕްރޮސްޕެކްޓްސް" އެވެ.
މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ:
- ދިވެހިރާއްޖޭން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް އަދި ބައިނަލް އަޤްވާމީ ޖަމިއްޔާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އާސިމް އަޙުމަދު
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޗް އަހްމަދު ސަލީމު
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ބައިލެޓެރަލް ޑރ. ހާލާ ހަމީދު
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޝާހިޔާ އަލި މަނިކު
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އާއިޝަތު ޝަހުލާއެވެ.
މި ޕެނަލް ޑިސްކަޝަން މޮޑެރޭޓްކޮށްދެއްވާނީ، މޯލްޑިވްސް ނޭޝަނަލް ޔުނީވަރސީގައި ތައުލީމު ހާސިލުރައްވާ ދަރިވަރެކެވެ.