ބީއެމްއެލްގެ އެކައުންޓުތަކުން ނޭނގި ފައިސާ ކަނޑާ މައްސަލަ ބެލުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް!
ބީއެމްއެލްގެ އެކައުންޓުތަކުން ނޭނގި ފައިސާ ކަނޑާ މައްސަލަ ބެލުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ބައްލަވައި ދެއްވުމަށް އެދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގަންނަވައިފިއެވެ.
މެމްބަރު ސިރާޖު، މަޖިލިސް ރައީސް އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި ރައްޔިތުން ރައްކާކޮށްފައިވާ އެތަކެއް ފައިސާއެއް އެކައުންޓުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި އެކައުންޓުތަކުން ދަނީ ނަގަމުންނެވެ. މިކަމުގެ ޝަކުވާ ކުރާ ރައްޔަތުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންކަމަށެވެ.
"މިޝަކުވާތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދެމުންގެންދާ ޖަވާބަކީ އެކައުންޓުތަކުން ފައިސާ ނަގަމުން ގެންދާ ސަބަބަކީ އެކައުންޓުގެ ވެރިފަރާތުން ގޮތް ނޭނގޭ ލިންކުތަކަށް ފިތުމާއި، އެކައުންޓުގެ ވެރިފަރާތުން އެކައުންޓުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހޭ ފަރާތްތަކަށް ހިއްސާ ކުރުން ކަމުގައެވެ. އެހެންނަމަވެސް ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް މިވާހަކަތައް ގަބޫލުކުރަން ދައްޗެވެ." މެމްބަރު ސިރާޖުގެ ސިޓީގައި ވިދާޅުވެފައެވެ.
މިސިޓީގައި އިތުރަށް ވިދާޅުވީ އެކައުންޓުންތަކުން ފައިސާ ގެއްލުމުގައި ބޭންކް އޮފް މޯލްޑިވްސްގެ އިހްމާލުވުން ވާކަމުގައި ދެކޭކަމަށެވެ. އަދި މިކަމުގައި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ އަތެއްވާކަމުގެ ތުހުމަތުކުރުމުގެ ޖާގަވާކަމަށްވެސް ދެކޭކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ހަމައެހެންމެ އެމްއެމްޕީއާރުސީއިން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވަދެ ދައުލަތަށް އެފައިސާތައް ގެއްލިގެން ދިޔުމުގެ އެންމެ އިސް އެއް ދައުރެއް އަދާކުރި ފަރާތަކީވެސް ބޭންކް އޮފް މޯލްޑިވްސް ކަން ފެންނަން ހުރި ލިޔުންތަކުން ސާފުކޮށް ފެންނަން އެބަހުރި ކަމަށް ވެސް މިސިޓީގައި ވިދާޅުވެފައިވެއެވެ.
މެމްބަރު ސިރާޖުގެ ސިޓީގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުތަކުން ރައްޔިތުންގެ ފައިސާ ނަގަމުން ގެންދާގޮތް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން މިމައްސަލަ ބައްލަވައި ދެއްވުން އެދޭކަމަށާއި މިކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމުގައިވަނީ ނަމަ އެމައްސަލަ ފުލުހުންގެ ހިދުމަތަށް ހުށައަޅައިގެން ތަހުގީގުކޮށްދެއްވުމަށް ހުށައަޅައި ދެއްވުމަށްވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.