ރެފިއުޖީންނާއެކު އަޑިއަށް ދިޔަ ބޯޓުން މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ އެތުލީޓެއް!

މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ރެފިއުޖީންނާއެކު ފުރިބާރުވެގެން ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ގިނަބަޔަކު މަރުވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ ކާމިޔާބު އެތުލީޓު ޝާހިދާ ރަޒާ ހިމެނޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ޝާހިދާ މަރުވީ ދަރިފުޅަށް ބޭސްފަރުވާ ހޯދުމަށް އުފަން ގައުމު ޕާކިސްތާނުން ފުރައިގެން ދިޔަ ދަތުރުގައެވެ. "ޗިންޓޯ" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ރަޒާ އަކީ ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެމްބަރެއްގެ އިތުރުން މީގެ ކުރިން ގައުމީ ފީލްޑް ހޮކީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މީޑިއާއަށް މައުލޫމާތު ދެމުން އޭނާގެ ގާތް އެކުވެރިޔާ ސުމައްޔާ ބުނީ ޝާހިދާ ގަވާއިދާ ހިލާފަށް ޔޫރަޕަށް ދަތުރު ކުރަމުން ދިޔައީ އޭނާގެ ތިން އަހަރުގެ ދަރިފުޅަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ރަނގަޅު މުސްތަގުބަލެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.
"އަހަންނަށް ބޭނުންވަނީ ހަމައެކަނި އޭނާގެ ހަށިގަނޑު އަނބުރާ، އިތުރު ކަމެއް ނޫން،" ސުމައްޔާ ބުންޏެވެ.
150 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި މިބޯޓު އަޑިއަށް ގޮސްފައިވަނީ އިޓަލީގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ކެލަބްރިއާގެ ކްރޮޓޯން ކައިރިންނެވެ. ބޯޓު ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި މިހާތަނަށް 64 މީހުން މަރުވެފައިވާއިރު މި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.