ދުނިޔެ

ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާއިން ތައްޔާރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ޤައުމަށް ހަތިޔާރުވިއްކަން ޗައިނާއިން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާއިން ތައްޔާރުވާން ފަށައިފިއެވެ. މި ކަމަށް ގުޅިފައިވާ ޤައުމުތަކުގެ އެއްބާރުލުމާއި ތާޢީދު ހޯދަން އެމެރިކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Sosun Fihaara

މި ކަމާ ގުޅޭ ގޮތުން ބައެއް ޤައުމުތަކާ އެކު އެމެރިކާއިން މަޝްވަރާ ފަށާފައިވާއިރު، އޭގެ ތެރޭގައި ޖީ7ގެ އެންމެ މުއްސަނދި ޤައުމުތައް ހިމެނޭ ކަމުގައި މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ޗައިނާއާ ދެކޮޅަށް އެޅުމަށް އެމެރިކާއިން ހުށަހަޅާފައި ވަނީ ދަތިކުރުމުގެ ކޮން ފިޔަވަޅުތަކެއް ކަން އަދި ސާފެއް ނޫނެވެ. އެ ކަމާ ބެހޭ މަޢުލޫމާތު އެމެރިކާއިން ހާމަކޮށްފައެއް ނުވާއިރު، މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީއިން މި ކަމާ ގުޅޭ ގޮތުން މަޢުލޫމާތު ހާމަކުރަން ވަނީ ދެކޮޅުހަދާފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަޝިޔާއަށް ހަތިޔާރު ވިއްކުމާ މެދު ޗައިނާއިން ވިސްނަމުންދާ ކަމުގައި އެމެރިކާއާއި ހުޅަނގުގެ ބައެއް ބާރުތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ހާމަކޮށްފައެއް ނުވެއެވެ.

ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް އެމެރިކާއިން ވަނީ އެތަކެއް ފަހަރެއްގެ މަތިން ޗައިނާއަށް ބާރުއަޅާފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ އިތުރުން، ފެބުރުވަރީ 18 ވަނަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއާއި ޗައިނާގެ ޚާރިޖިއްޔާގެ އިސްވެރިޔާ ވޮންގް ޔީއާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް އެމެރިކާއިން ވަނީ އެ ކަމަށް ބާރުއަޅާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވައި، ދެ ޤައުމު ސުލްޙަކުރުވަން ޗައިނާއިން އިސްނަގައިގެން ދާދިފަހުން ރޭވުމެއް ހުށަހެޅުމުން އެމެރިކާއިން ވަނީ އެ ކަމާ މެދު ވެސް ނުރުހުން ފާޅުކޮށްފައެވެ. ޗައިނާގެ ހުށަހެޅުމުގައި ވަނީ ހަނގުރާމަ ހުއްޓައިލުމަށް ބާރު އަޅާފައެވެ. އަދި، އެ ކަން ހާސިލުކުރުމުގެ ގޮތުން މަޝްވަރާތައް ފަށާނެ ގޮތްތަކެއް ވެސް ހުށަހަޅާފައެވެ.

ޗައިނާގެ ހުށަހެޅުމުގައި ވަނީ ދެ ފަރާތުން ވެސް ދޫދިނުމަށް ގޮވައިލާފައެވެ. އަދި، މަޑުމަޑުން ހަމަލާ ބަދަލުކުރުންތައް ހުއްޓައިލުމަށް ބާރު އަޅާފައެވެ. މީގެ އިތުރުން، ނިއުކްލިޔަރ ހަތިޔާރެއް ބޭނުން ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ވެސް ޗައިނާގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.

މި ރޭވުމާ މެދު ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވެފައި ވަނީ، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙަ ޤާއިމުކުރަން ޗައިނާއިން އިސްނަގައިގެން މަސައްކަތް ކުރުމަކީ އެއްވެސް ގޮތަކަށް "ހަމަޖެހޭ" ކަމެއް ނޫން ކަމުގައެވެ. އަދި، ޗައިނާގެ ހުށަހެޅުންތަކުގެ ފައިދާ ލިބޭނީ ރަޝިޔާއަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ މައިދާނަށް ބަލައިލާއިރު، ރަޝިޔާއާއި ޔޫކްރެއިނުގެ ސިފައިން މިހާރު ހަނގުރާމަ ކުރަމުން ދަނީ ޚަންދަގުތަކުގެ ތެރޭގައެވެ. އަދި، ރަޝިޔާއިން ހަތިޔާރާއި މިސައިލާއި ވަޒަނުގެ ސްޓޮކްތައް މަދުވެފައިވާ ކަމަށް ހުޅަނގުން ބުނަމުންދާއިރު، ޗައިނާއިން ރަޝިޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފި ނަމަ، ރަޝިޔާއަށް ހަނގުރާމަ ކާމިޔާބު ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ޗައިނާއިން ރަޝިޔާއަށް އެހީތެރިވުމާ ދެކޮޅަށް އެމެރިކާއިން އަޑުއުފުލަމުން ދިޔަ ނަމަވެސް، އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުން ދަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، އެމެރިކާއިން ދާދިފަހުން ވަނީ ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދޭން ވެސް އެއްބަސްވެފައެވެ. އޭގެ ތެރޭގައި "ޕޭޓްރިއަޓް" މަރުކާގެ މިސައިލް ސިސްޓަމްތަކާއި، "އެބްރާމްސް" މަރުކާގެ އަސްކަރީ ޓޭންކުތައް ހިމެނެއެވެ. އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ވެސް ދާދިފަހުން ވަނީ ޔޫކްރެއިނަށް އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޓޭންކު ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!