އުތުރު ކޮރެއާގެ ކާބޯތަކެތީގެ ދަތިކަން ކަންބޮޑުވާ ދަރަޖައެއްގައި

އުތުރު ކޮރެއާގެ ކާބޯތަކެތީގެ ދަތިކަމުގެ ކަންބޮޑުވުން ތައް އިތުރުވަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި ހަފުތާގައި ގިނަ މަސްދަރުތަކުން ވަނީ ބުނެފައެވެ.
ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 1990 ގެ އަހަރުތަކުގެ "އާރޖުއަސް މާޗް" ގެ ނަމުން މަޝްހޫރުވި ކާރިސާގެ ސަބަބުން ބަނޑުހައިހޫނުކަން އިތުރުވެ އެތައް ލައްކަ ބަޔަކު ވަނީ މަރުވެފައެވެ. އެގޮތުން އޭރު 20 މިލިއަން މީހުންގެ އާބާދީއެއް އޮތް އެގައުމުގައި ގާތްގަނޑަކަށް 3-5 ޕަސެންޓާ ދެމެދުގެ އަދަދަކަށް މީހުންވަނީ މަރުވެފައިކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
ޕީޓާސަން އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް އިކޮނޮމިކްސްގެ ރިސާޗް އެނަލިސްޓެއް ކަމަށްވާ ލޫކަސް ރެންގިފޯ-ކެލާ ވިދާޅުވި ގޮތުގައި އދ އާއި ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުގެ ވިޔަފާރީގެ ޑޭޓާ، ސެޓެލައިޓް ފޮޓޯ އަދި އެސެސްމަންޓްތަކުން ދައްކާ ގޮތުގައި އުތުރު ކޮރެއާގައި ކާބޯތަކެތީގެ ސަޕްލައި މިހާރު ވަނީ އިންސާނުންގެ އެންމެ ކުޑަ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ވުރެ ދަށަށް ގޮސްފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިންވެސް އުތުރު ކޮރެއާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ހައިހޫނުކަން ތަހަންމަލް ކުރަމުން އަންނަ މީހުން ކަމަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ބުނެއެވެ.
އުތުރު ކޮރެއާގައި ކާބޯތަކެތީގެ ބާވަތްތައް ހަމަހަމަކަމާއެކު ބަހާފައިވީ ނަމަވެސް، ހައިހޫނުކަމުގެ ސަބަބުން މީހުން މަރުވާން ފަށާފާނެކަމުގެ ބިރު މިހާރުވަނީ ހީވެފައިކަމަށް ތަޖުރިބާކާރުން ވަނީ އަންދާޒާކޮށްފައެވެ.