އެޗްޑީސީ އޯޕަން ޑޭ: ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުޞަތު ހުޅުވާލަނީ
އެޗްޑީސީގެ އޯޕަން ޑޭގައި ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުޞަތު ހުޅުވާލަަން ނިންމައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް ނިއްމާ އެ ފުރުޞަތު 10 މާރިޗު 2023 ވަނަ ދުވަހު ބާއްވާ އޯޕަން ޑޭގައި ހުޅުވާލުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
އަންނަ ހުކުރު ދުވަހު 16:00 – 18:00 އަދި 20:00 – 22:00 އަށް އޯޕަން ޑޭ އަދި މި މަޤާމުތަކުގެ ވޯކް އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފޭސް 2 ކާމިލް ދީދީ ސްކޫލުގައެވެ.
މިފަހަރު ހުޅުވާލެވޭ ފުރުޞަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފް ނުގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި 10،500 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުޞަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ބޭފުޅަކުވެސް އައި.ޑީ ކާޑްގެ ކޮޕީ، ތަޢުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެ ކޯޕަރޭޝަނުގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ހިމެނުމެވެ.