ޚަބަރު ރައްޔިތުންގެ މަޖިލިސް

ޝިޔާމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް:އީވާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ/ ފޮޓޯ: މަޖިލިސް

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް ހުރަސް އެޅުމަށް ރޭވުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށް ބުނެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ ޝިޔާމް ހައްޔަރުކުރިކަން މަޖިލީހަށް އަންގާފައި ނުވާ ކަމަށެވެ. އީވާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން މެންބަރަކު ހައްޔަރުކޮށްފި ނަމަ ގަޑިއިރެއް ތެރޭގައި މަޖިލީހަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ. ފުލުހުން އަމަލު ކޮށްފައި ވަނީ އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދާ ހިލާފަށް އަދި މެންބަރަކު ހައްޔަރު ކުރުމުން މަޖިލީހަށް އަންގާފައި ނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް އީވާ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ރޭ، ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ޕީޕީއެމް އޮފީސް ކައިރިންނެވެ.

ރޭ ޝިޔާމް ހައްޔަރު ކުރުމުގެ ކުރިން ދިން ޤާނޫނީ އިންޒާރުގައި ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވުމުގެ ޤާނޫނާ ޚިލާފަށް މާލޭގައި މުޒާހަރާކޮށް، އެ މުޒާހަރާ ލީޑްކޮށް، އަދި ޝިޔާމް ލީޑް ކުރެއްވި މުޒާހަރާގެ ބައިވެރިން ރައީސް ޞާލިޙްގެ ކޭޑަށް ހުރަސް އެޅި ކަމުގެ ކުށުގައި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!